ރާއްޖޭގައި ގާއިމުކޮށްފައިވާ ޒަކާތު ފަންޑުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް 50 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހުޅުވާލި މި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއިން 20 ފުރުސަތާއި ރާއްޖެއިން ބޭރުން 30 ފުރުސަތެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ދީނީ ދާއިރާއިން މީހުން ބިނާކުރުމުގެ މަގުސަދުގައެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރާއްޖެއިން ބޭރުން ހުޅުވާލި 30 ސްކޮލަޝިޕްގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ހާއްސަ ސްކޮލަޝިޕްތަކެކެވެ.
ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކެވެ. މިގޮތުން މާސްޓާ އޮފް އާޓްސް އިން ގުރުއާނިކް ސައިންސަސްއަށް ހަ ފުރުސަތު، މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަނަށް ތިން ފުރުސަތު، އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސަށް ފަސް ފުރުސަތު، މާސްޓާ އޮފް އާޓްސް އިން ޝަރީއާއަށް ތިން ފުރުސަތު، އަދި މާސްޓާ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސްއަށް ތިން ފުރުސަތު ލިބޭނެއެވެ.
ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލި 30 ފުރުސަތުގެ ތެރެއިން މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލާފައިވެއެވެ. މިގޮތުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުގައި ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. މީގެތެރޭގައި ޑިގްރީގެ ދެ ފުރުސަތު، މާސްޓާސްގެ ހަ ފުރުސަތު އަދި ޕީއެޗްޑީގެ ނުވަ ފުރުސަތު ހިމެނެއެވެ.
މެލޭޝިއާ އަދި ބުރުނާއީގައި ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ހަލާލް އިންޑަސްޓްރީ މެނޭޖްމަންޓް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އިސްލާމިކް އެޑިޔުކޭޝަން، ގުރުއާނިކް އެންޑް ސުންނާ ސްޓަޑީސް، ޝަރީއާ އެންޑް ޖުޑިޝަރީ އަދި އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް ހިމެނެއެވެ.
މީގެއިތުރުން ހާއްސަ ސްކޮލަޝިޕްތައް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ ސާކް ގައުމުތަކާއި، މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީ، ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ، ގަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ އަދި ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީއަށެވެ.