ސިވިލް ކޯޓުން މިއަދު ނެރުނު ޙުކުމެއްގައި، އެވިޑް ކޮލެޖް ހިންގަމުން އަންނަ ހ. ފިއެސް ތިން މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށް އެ ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޞްތާޤު ރަޝާދުގެ މައްޗަށް އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުގެ ޤާޟީ އާދަމް ޛާލިފް ކުރެއްވި މި ޙުކުމަކީ، ރ. ހުޅުދުއްފާރު / ރުމަތީގެ، އަޙްމަދު ނަޖާޙްގެ ފަރާތުން ދަފްތަރު ނަންބަރު ރސ 13398 މާލެ، ޢަބްދުﷲ މުޞްތާޤު ރަޝާދުގެ މައްޗަށް ކުރި ދަޢުވާއަކާ ގުޅިގެންނެވެ. ދެފަރާތުގެ މެދުގައި ވެފައިވާ ކުލީގެ އެއްބަސްވުމާ ޚިލާފުވެފައިވާތީ، ދަޢުވާކުރާ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ކަނޑައަޅައި، ކުލީގެ އެއްބަސްވުން ބާޠިލުކަމަށް ކޯޓުން ނިންމާފައިވެއެވެ.
ޝަރީޢަތުން ޙުކުމްކޮށްފައިވާ ގޮތުގައި، ދަޢުވާ ލިބުނު ފަރާތުން ކުއްޔަށް ހިފާފައިވާ ހ. ފިއެސް ކިޔާ ބަންޑާރަ ގޯއްޗާއި ގޯތީގައިވާ ޢިމާރާތް އިއްޔެ (13 އޭޕްރީލް 2025) އިން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ހުސްކޮށް، ޢިމާރާތާއި ގޯތި ދަޢުވާކުރި ފަރާތާ ޙަވާލުކުރަންވާނެއެވެ.
ދެފަރާތުގެ މެދުގައި 2022 ޖޫން 7 ގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ތަން ކުއްޔަށް ދީފައިވަނީ 15 އަހަރުގެ މުއްދަތަށް މަހަކު 200,000 ރުފިޔާގެ ރޭޓުންނެވެ. އަދި ޑިޕޮސިޓްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދެއްކުމަށާއި، ކޮންމެ މަހެއްގެ ކުލި އެމަހެއްގެ 10 ގެ ކުރިން ދެއްކުމަށް އެއްބަސްވެފައިވެއެވެ.
ނަމަވެސް ދަޢުވާކުރި ފަރާތުން ބުނިގޮތުގައި، ޑިޕޮސިޓް ފައިސާ ދައްކާފައިނުވާ ކަމަށާއި، 2023 ޖުލައި މަހުން ފެށިގެން ކުލި ދައްކަމުން ދިޔައީ ލަހުން ކަމަށާއި، 2023 ޑިސެމްބަރު މަސް ފިޔަވައި، ކޮންމެ މަހަކުވެސް ކުލިން ބައެއް ދެއްކުމަށްފަހު ބާކީ ބައި ދައްކާފައިވަނީ ދުވަސްތަކެއް ފަހުން، ލަސްވުމުން ދޭންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައެވެ.
ދަޢުވާކުރި ފަރާތުން އެދިފައިވީ ނަމަވެސް، ކަރަންޓް ބިލްތަކަށާއި ފެން ބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ދެފަރާތުގެ ބަހުން އެނގޭތީ، އެ ފައިސާ ނަގައިދޭންޖެހޭ ތަނެއް ނެތްކަމަށް ޝަރީޢަތުން ކަނޑައަޅާފައިވެއެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު 208,700 ރުފިޔާއާއި، ޔުޓިލިޓީ ޑިޕޮސިޓްގެ ގޮތުގައި ހޯދުމަށް އެދުނު 200,000 ރުފިޔާއާއި، އަދި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދުނު 5,000 ރުފިޔާވެސް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
ޙުކުމުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ތަން ހުސްކޮށް ޙަވާލުކުރާ ދުވަހާ ހަމައަށް ހިނގާ ކުއްޔަކީ ދަޢުވާ ލިބުނު ފަރާތުން ދަޢުވާކުރި ފަރާތަށް ދޭންޖެހޭ ކުއްޔެއް ކަމަށާއި، ތަން ޙަވާލުކުރަންދެން ކޮންމެ މަހަކުވެސް އެމަހެއްގެ ކުލި އެމަހުގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ. އަދި ތަން ހުސްކޮށް ޙަވާލުކުރާ ދުވަހާ ހަމައަށް ޔުޓިލިޓީ ބިލްތަކަށް އަރާ ފައިސާއަކީވެސް ދަޢުވާ ލިބުނު ފަރާތުން ޒިންމާވެ ދައްކަންޖެހޭ ފައިސާއެއް ކަމަށްވެސް ކަނޑައަޅުއްވާފައިވެއެވެ.