ސަޢޫދީ ފަންޑުގެ ސީއީއޯ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި

ސަޢޫދީ ފަންޑުގެ ސީއީއޯ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި

Author
ހުސައިން
14 އޭޕްރިލް 2025 07:42
0

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު 2025 އެޕްރީލް 13 އިން 15 އަށް ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ސަޢޫދީ ފަންޑުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެލައްވައެވެ.

މި ދަތުރުފުޅުގެ މައިގަނޑު އެއް މަޤްޞަދަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަޢޫދީ ފަންޑުން ދެއްވާ އިތުރު ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކުރުމެވެ. މީގެ އިތުރުން، ސަޢޫދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢު ރަސްމީކޮށް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސަޢޫދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި އެންމެ މުހިންމު އެއް ބައިވެރިއެކެވެ. މިހާތަނަށް އެ ފަންޑުން ދަތުރުފަތުރު، ޞިއްޙަތް، ބޯހިޔާވަހިކަން އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދެއްވާފައެވެ.

ޚާއްޞަކޮށް 2024 ވަނަ އަހަރުގެ މޭ މަހު، ސަޢޫދީ ފަންޑުން ދެ މުހިންމު މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ވަނީ ދޫކުރައްވާފައެވެ. އޭގެތެރެއިން 100 މިލިއަން ޑޮލަރު ދޫކުރެވުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމެވެ. އަދި 50 މިލިއަން ޑޮލަރު ދޫކުރެވުނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވޭނެއެވެ.

ސަޢޫދީ ފަންޑަކީ 1974 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ. ލުއި ލޯނާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ މި ފަންޑުން އެހީ ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.