އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރުގެ ބަންދުގެ މައްސަލަ ހައިކޯޓަށް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރުގެ ބަންދުގެ މައްސަލަ ހައިކޯޓަށް

Author
ހުސައިން
14 އޭޕްރިލް 2025 07:40
0

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހި، އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލަ ހައިކޯޓަށް ހުށަހެޅުނު ކަމަށް ހައިކޯޓުގެ ވެބްސައިޓުގައި ފާހަގަކޮށްފައިވެއެވެ.

ޝަމްއާން ހައްޔަރުކުރެވިފައިވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ ހައްޔަރުކުރުމާއެކު އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރެވުނެވެ.

ޝަމްއާން ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރެވުނެވެ. އެއަށްފަހު، އެ މައްސަލަ އިސްތިއުނާފުކުރުމުން ފުރަތަމަ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

ފުރަތަމަ ދެވުނު 15 ދުވަހުގެ ބަންދު މުއްދަތު ހަމަވުމުން، މި މަހުގެ 6 ވަނަ ދުވަހު ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރެވުނު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، ޝަމްއާންގެ މައްޗަށް ތުހުމަތުކުރެވެނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓް ހައުސްއަކުން ހައްޔަރުކުރެވުނު ބިދޭސީއެއް ދޫކޮށްލުމަށްފަހު، އޭނާގެ އަތުން 500،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ. މި ފައިސާ ހޯދުމުގައި އިމިގްރޭޝަންގެ ތިން މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި އޮޕަރޭޝަން ހިންގާފައިވަނީ ބިދޭސީންނާއި އެ މީހުންނާ ގުޅޭ ތަންތަން ފާސްކުރުމަށް އިމިގްރޭޝަނުގައި ކަނޑައަޅާފައިވާ ޓާސްކްފޯސް މީހުން ނޫން ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.