ހުޅުމާލޭގައި ރޭ ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި 29 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް އެކެއް އަދި ދޭއް ގުޅުވައިދޭ ބްރިޖުން އަރައިގެން ދަނިކޮށް ވެމްކޯ ސައިޓު ކައިރިންނެވެ. މަންޒަރު ދުށް މީހުން ބުނާގޮތުން، އެ ޒުވާނާ ސައިކަލުގައި ދަތުރު ކުރަނިކޮށް ކުއްލިއަކަށް މަގުމަތީގައި ހުރި ބަންޕަރެއް ފެނުމުން ސައިކަލުގެ ބްރޭކް ބާރަށް ޖެހުމުން ސައިކަލު ކަހާލައިގެން ވެއްޓުނީއެވެ. ވެއްޓުމާއެކު އޭނާ ޙަބަރުހުސްވެ އިތުރު ހަރަކާތެއް ނުކުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާގައި ޒުވާނާގެ ބޮލަށާއި ކަނދުރާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެންމެ ފުރަތަމަ އޭނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ނަމަވެސް އިތުރު ފަރުވާއަށްޓަކައި ރޭގެ ދަންވަރު އައިޖީއެމްއެޗަށް ބަދަލުކުރެވުނެވެ. އައިޖީއެމްއެޗުން މިއަދު ހާމަކުރިގޮތުގައި މި ޒުވާނާގެ ހާލު މިވަގުތުވެސް ވަރަށް ސީރިއަސްކަމަށް ބުނެފައިވެއެވެ.
ހަމަ ރޭ ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގުގައިވެސް އިތުރު އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ދެ ސައިކަލު ޖެހުމުން ހިނގި މި ހާދިސާގައި ޒުވާން އަންހެނަކަށް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް 811 އެކްސިޑެންޓް ވަނީ ރިޕޯޓްކުރެވިފައެވެ. މާލެ ސަރަޙައްދުގައި މިފަދަ އެކްސިޑެންޓްތައް ގިނަވަނީ އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަން ދޭންވާ މިންވަރަށް ސަމާލުކަން ނުދިނުމާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުންކަމަށް ބެލެވެއެވެ.