ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އައުޓްރީޗް ޕްރޮގްރާމްގެ ދަށުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ގދ. ތިނަދޫ ޑރ. އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް ކޭމްޕެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީގެ މަޢުލޫމާތުގައިވާ ގޮތުން، މި ކޭމްޕް ކުރިއަށްގެންދާނީ މިމަހުގެ 24 އިން 26 އަށެވެ. މި ކޭމްޕްގައި ރާއްޖޭގެ އެކި ދާއިރާތަކުން ތަޖުރިބާކާރު 8 ޑޮކްޓަރުން ބައިވެރިވާނެއެވެ.
މި ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ، ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ، އާންމު އަދި ލެޕްރޮސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އަބްދުﷲ ޢުބައިދު، ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރގެ ޚާއްޞަ ޑޮކްޓަރ މުޙައްމަދު ވަޙީދު، އާންމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރއަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ މުޙައްމަދު ޝިފާން، ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ، ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރ އަބްދުﷲ އަދްޡަރު، އަދި ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުޙައްމަދު ޝަހީދެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި ޓީމުން އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ. އަދި މި ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.