ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި ޑިޕްލޮމަސީ އިސްކުރުން މުހިންމު: ޑރ. ޚަލީލު

ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި ޑިޕްލޮމަސީ އިސްކުރުން މުހިންމު: ޑރ. ޚަލީލު

ގުޅުންހުރި

ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަގުނަ ނުރައްކާތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މަޝްވަރާއާއި ޑިޕްލޮމަސީގެ އުސޫލުތައް އިސްކުރުން ވަރަށް މުހިންމު ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލު މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުނު ޑިޕްލޮމަސީ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަންއާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވުނު މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޚަލީލް އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ޖިއޮޕޮލިޓިކަލް މަސްރަހު ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ޚަލީލްގެ ވާހަކަފުޅުގައި، ދުނިޔޭގެ މަސްރަހުގައި ދިމާވާ އެކިއެކި ނުތަނަވަސްކަން ކުޑަކުރުމުގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އަދާކުރަމުންދާ މުހިންމު ދައުރު ވަނީ ފާހަގަކުރައްވާފައެވެ. އޭގެއިތުރުން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ވެސް ބައިވެރިންނާ ހިއްސާކުރެއްވިއެވެ.

ޑރ. ޚަލީލް އިތުރަށް ވިދާޅުވީ ޤުދުރަތީ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަމަށް ބަލާއިރު، ރާއްޖޭގެ ސަލާމަތާއި ފާގަތިކަމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ.

މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޚަލީލްގެ އިތުރުން ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީ އާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ވެރިޔާ ޕްރޮފެސަރ ޖަގަނަތު ޕަންޑާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. ޚަލީލް ތުރުކީވިލާތަށް ވަޑައިގެންނެވީ އެ ޤައުމުގެ ހާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ