ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ 153,689.92 ރުފިޔާ ހަރަދުކުރެވިފައިވާކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
މިމަހުގެ 1 އިން 5 އަށް ފަސް ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުފުޅަކީ ލިވަޕޫލް ފުޓްބޯޅަ ކްލަބް (އެލްއެފްސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕެއިން ހަރަކާތް ފެށުމުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުއިއްޒު ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ފުޓުބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ މަސައްކަތްތަކާއި އުންމީދީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފުޓްބޯލް ފޮ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ޔުނިވާސިޓީ ޕީސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގެ މައުލޫމާތު ވެސް ވަނީ ހޯއްދަވާފައެވެ.
ދަތުރުފުޅުގެ ތެރޭގައި ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައި، ރާއްޖެއާއި މި ޔުނިވާސިޓީއާ ދެމެދު ކުރެވިދާނެ އެކުގައި މަސައްކަތްތަކާމެދު މަޝްވަރާކުރެއްވިއެވެ. އަދި އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން، ދަރިވަރުންގެ ކަންބޮޑުވުންތައް އައްސަވައި، ސިއްހަތާއި ދިރާސީ މަސައްކަތްތަކާބެހޭ މައުލޫމާތު ވެސް ވަނީ ސާފުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ލަންޑަނުގައި ހުންނަ ނަމްބަރު 9 ރޯޒްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމްއެސްއޭ-ޔޫކޭ) އާ އަލުން ހަވާލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ