ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް އެންމެ ގިނައިން ހުށަހެޅެނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ ސްކޭމްތައް: ޕޮލިސް

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް އެންމެ ގިނައިން ހުށަހެޅެނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ ސްކޭމްތައް: ޕޮލިސް

ގުޅުންހުރި

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް އެންމެ ގިނައިން ރިޕޯޓްކުރެވެނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ އީކޮމާސް ވިޔަފާރީގެ މައްސަލަތައް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ޚިދުމަތްތަކާ ގުޅޭގޮތުން އެސްއެސް ޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަމުން، ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވެފައިވަނީ ފޭސްބުކް މާކެޓްޕްލޭސް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އީކޮމާސް ވިޔަފާރީގެ ތެރެއިން ހިންގާ މަކަރާއި ހީލަތުގެ ޢަމަލުތައް ފާހަގަކުރެވޭ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމާއި އިންވެސްޓްމަންޓާ ގުޅުންހުރި މައްސަލަތަކަކީވެސް ގިނައިން ރިޕޯޓްކުރެވޭ ސްކޭމްތަކެއް ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.

ހަމަ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސަލީމް ވިދާޅުވީ ފޭސްބުކް މާކެޓްޕްލޭސް ފަދަ ތަންތަނުން މުދާ ގަންނަ ފަރާތްތަކުން ވީހާވެސް ބޮޑަށް ކުރިއަށް ދާ މުޢާމަލާތުގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު މުދާ ގަތުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ސްކޭމަކީ އަމިއްލައަށް އެކަމަށް މީހާ ހުށަހެޅޭ ކަމެއް. އެހެންކަމުން ވީހާވެސް ބޮޑަށް މިކަމަށް ސަމާލުވެ، މިއިން އަރައިގަނެވޭނެ ގޮތްތައް ދެނެގަނެ، އާންމުން އެކަމަށް ހޭލުންތެރިވާން ޖެހޭ،" ސަލީމް ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް އިތުރުވަމުންދާ ސަބަބާ ބެހޭގޮތުން ސަލީމް ވިދާޅުވީ، "އެންމެ ގިނައިން ހުށަހެޅިފައިވާ އެއް ބާވަތަކީ ހަމަ ފޭސްބުކްގެ މާކެޓްޕްލޭސްގައި މި ހުންނަ ބާވަތްތަކުގެ މުދާ ގަތުމުގެ މަސައްކަތް. ދެން އެ މައްސަލަތައް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ހުށަހެޅިފައި އެބަހުރި. މިކަންކަން ހުށަހެޅޭއިރު އަސްލު އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބަލަންޖެހޭވަރަށް ބަލައިނުލެވި މި ވިޔަފާރީގެ ތެރެއަށް ވަދެވޭތީވެ އަސްލު."

ސީނިއާ ސާޖަންޓް ޝަހުނީޒް ފާހަގަކުރެއްވީ ސްކޭމްގެ ޝިކާރައަކަށްވާ ފަރާތްތަކުގެ އެންމެ ބޮޑު ގެއްލުމަކީ ފައިސާގެ ގެއްލުން ކަމަށެވެ. ނަމަވެސް ފަހަކަށްއައިސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން، ސްކޭމްގެ ޝިކާރައަކަށްވާ ފަރާތްތަކުގެ އެކައުންޓްތައް ފްރީޒްކޮށް، ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތައް ރިޕޯޓުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޝަހުނީޒް ވިދާޅުވީ، "ފައިސާ ރިކަވަރ ކުރުމަށް އަޅުގަނޑުމެންނަށް ވެސް ފަސޭހަވެގެން އެބަދޭ އަވަހަށް މައްސަލަ ރިޕޯޓުކުރީމަ. އެއީ ވަރަށް ގިނަ އެކައުންޓުތަކަށް، ޚާއްޞަކޮށް މަނީ ލޯންޑަރކުރުމަށްޓަކައި ފައިސާގެ އަސްލު އޮޅުވާލުމަށްޓަކައި އެކި އެކައުންޓުތަކަށް ދައުރުކޮށްފައި މި ހުންނަނީ."

ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ސްކޭމްގެ މައްސަލަތައް ވަކިން ބޮޑަށް އާންމުވެފައިވާ ކަމަށާއި ސްކޭމަރުންގެ އުކުޅުތައް ވެސް ދުވަހުން ދުވަހަށް ބަދަލުވަމުން އަންނަކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވެއެވެ.

މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ފުލުހުން ވަނީ ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމުކޮށްފައެވެ. ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ނެޝަނަލް އެމަޖެންސީ ނަންބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ދިމާވާ ސްކޭމްތަކާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ