ފުލުހުން ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ސްރީލަންކާއަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، ރޭ 21:55 ގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި އުފުލާކަމަށް ޝައްކުކުރެވުނު ވެހިކަލެއް ބަލައި ފާސްކުރިއެވެ. މި ވެހިކަލް ބަލައި ފާސްކުރުމުން ބަނގުރާ ކަމަށް ޝައްކުކުރެވޭ 54 ފުޅި ފެނިފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، އެތަކެތި އުފުލި ވެހިކަލް ޓޯކޮށް، އެ ވެހިކަލް ދުއްވަމުންދިޔަ ލަންކާގެ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، ފަހަކަށްއައިސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހުއްދަނެތި ބަނގުރާ ގެންގުޅުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަމެވެ.
ކޮމެންޓު ފޮނުވާ