ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޢާންމު އުސޫލުން ކުރިއަށްދާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޢާންމު އުސޫލުން ކުރިއަށްދާނެ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހުން ފެށިގެން އާންމު އުސޫލުން ކުރިއަށް ގެންދާނެކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތްތައް ނިމެމުންދާ މިންވަރުން ޖަލްސާތައް ތާވަލުކުރަމުން ގެންދާ ކަމަށާއި، އަންނަ ހޯމަ ދުވަހުން ފެށިގެން ކުރީގައި ވެސް ޢަމަލުކުރަމުން ގެންދިޔަ ގޮތަށް ޖަލްސާތައް ބޭއްވޭނެ ކަމަށެވެ.

ނިމިދިޔަ ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ޗުއްޓީއާއި ޢީދު ބަންދަށްފަހު ބޭއްވުނު ފުރަތަމަ ޖަލްސާ ނިންމަވަމުން އެދުވަހު ރިޔާސަތު ބެލެހެއްޓެވި ނާޒިމް ވިދާޅުވެފައިވަނީ، ދެން ޖަލްސާއެއް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރައްވާނެ ކަމަށެވެ. ނަމަވެސް އޭރު މިގޮތަށް ވިދާޅުވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

އިއްޔެއާއި މިއަދު މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައި ނެތްނަމަވެސް، ބައެއް ކޮމިޓީތަކުން ބައްދަލުވުންތައް ބާއްވައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން އިއްޔެއާއި މިއަދު މާލިއްޔަތު ކޮމިޓީން ބައްދަލުވުންތައް ބާއްވާފައިވާއިރު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުންތައް ވެސް މިއަދު ބޭއްވިއެވެ.

ކުރީގައިވެސް ކޮމިޓީތަކުގެ މަސައްކަތްތަކަށް އިސްކަންދިނުމުގެ ގޮތުން ޖަލްސާތައް ނުބާއްވައި ކޮމިޓީތަކުގެ މަސައްކަތްތަކަށް ވަގުތު ދީފައިވާކަން ފާހަގަކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަވާނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ