ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ގަމަށް ފަސޭހައިން ދެވޭގޮތަށް އަލަށް ތަރައްގީކުރަން ނިންމާފައިވާ މަގު ހެދުމަށް ހަމަޖެހިފައިވަނީ އީކުއޭޓާ ވިލެޖުގެ މުހިންމު ސަރަހައްދެއް ގެއްލޭގޮތަށް ކަމަށް އެ ރިސޯޓު ހިންގާ ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލްސް ސާވިސަސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.
ކައިމޫގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އައްޑޫއަށް އަންނަ ހުރިހާ ތަރައްގީއެއްގެ ފައިދާ އެ ސަރަހައްދަށާއި އީކުއޭޓާ ވިލެޖަށްވެސް ކުރާނެއެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ މަގު ތަރައްގީކޮށްފިނަމަ، ރިސޯޓުގެ ވަރަށް މުހިންމު އެތައް ވަސީލަތެއް ގެއްލިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އެ މަގު ތަރައްގީކުރަން ނިންމާފައިވާ ސަރަހައްދުގައި ސްޓާފް އެކޮމޮޑޭޝަން، ބަދިގެ، ސްޓާފުންގެ މެސްރޫމް، ލޯންޑްރީ، ގަރާޖް، ސްޓާފް ރެކްރިއޭޝަން އޭރިއާ އަދި ގެސްޓުންގެ ސްކުއޮޝް ކޯޓުފަދަ މުހިންމު ތަންތަން ހިމެނެއެވެ،" ކައިމޫއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އީކުއޭޓާ ވިލެޖު ހިންގަމުން އަންނަނީ 1999 ވަނަ އަހަރު ސޮއިކޮށް 2017 ވަނަ އަހަރު އައުކުރި އެއްބަސްވުމެއްގެ ދަށުންކަމަށާއި، އެއްބަސްވުމުގައި ރިސޯޓު ހިންގާ މުޅި ބިން ހިމެނޭކަމަށާއި، މީގެތެރޭގައި މިހާރު އާ މަގު ތަރައްގީކުރަން ނިންމާފައިވާ ސަރަހައްދުވެސް ހިމެނޭކަމަށް ކައިމޫއިން ފާހަގަކޮށްފައިވެއެވެ.
ކައިމޫއިން ބުނެފައިވާ ގޮތުގައި، މި މައްސަލައަށް ހައްލެއް ހޯދުމަށް ކުންފުނިން ވަނީ ޓޫރިޒަމް މިނިސްޓްރީއާއެކު ތަކުރާރުކޮށް މަޝްވަރާކޮށް، ރިސޯޓު ހިންގުމަށާއި އައްޑޫގެ ތަރައްގީއަށް ހުރަސްނޭޅޭނެފަދަ ގޮތަކަށް ހައްލެއް ހޯދުމަށް ޚިޔާލުތަކެއް ހުށަހަޅާފައެވެ. އަދި ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކުރަން ތައްޔާރަށް ތިބިކަމަށާއި، އެކުގައި މަސައްކަތްކޮށްގެން ހުރިހާ ފަރާތަކަށްވެސް ފައިދާވާނެ ހައްލެއް ހޯދިދާނެކަމުގެ ޔަގީންކަން އޮތްކަމަށް ކައިމޫއިން ބުނެފައިވެއެވެ.
އެހެންނަމަވެސް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިހާރު ވަނީ ގަން އެއާޕޯޓަށް ފަސޭހައިން ދެވޭގޮތަށް ތަރައްގީކުރަން ނިންމާފައިވާ މަގުގެ މަސައްކަތް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުން އުނިކޮށްފައެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓަރު، ޢަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢަކީ ވަކި މުއްދަތެއްގެ ކުރިން ނިންމަންޖެހޭ މަޝްރޫޢަކަށްވާތީ، މަގުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މުޅި ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތަށް ނުނިމިދާނެކަމުގެ ބިރު އޮތްކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮންޓްރެކްޓަރަށް ދައުލަތުން ބަދަލުދޭންޖެހި، މާލީގޮތުން ގެއްލުން ވެދާނެކަމަށް ގަބޫލުކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި، މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކައިމޫއާއެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރެވޭނެއެވެ. އަދި އެއަށްފަހު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، މަގުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަކި މަޝްރޫޢުއެއްގެ ގޮތުގައިކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުން މަގުގެ މަސައްކަތް އުނިކުރަން ނިންމުމާ ގުޅިގެން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގުގެ އިތުރުން ބައެއް އާންމުން ވަނީ މިކަމާމެދު ނުރުހުން ފާޅުކޮށްފައެވެ.