ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް ދެވިފައިވާ މުއްދަތު 15 އެޕްރިލް 2025 އާ ހަމައަށް އިތުރުކޮށްފިއެވެ. މި މައުރަޒުގައި ތަކެތި ބައިވެރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އީފާސް މެދުވެރިކޮށް ވަންގަވްގައި ޚާއްޞަކުރެވިފައިވާ ފޯމް ފުރިހަމަކުރަން ޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ ދިވެހި މަސައްކަތްތެރިންގެ ހުނަރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅާ، އެފަދަ އުފެއްދުންތައް އެއްތަނަކުން ފެންނާނެ އިންތިޒާމެއްގެ ގޮތުގައި ބޭއްވޭ މައުރަޒެކެވެ.
މި މައުރަޒުގައި ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކުގެ އިތުރުން ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްގެން ބައިވެރިވެވޭނެ މުނިފޫހިފިލުވުމުގެ ގިނަ ޙަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި އީޖާދީ ގޮތުން ކުރިއަރާފައިވާ ބޭރުގެ ގައުމުތަކުގެ އުފެއްދުންތައްވެސް މި މައުރަޒުގެ އެކި ޑިސްޓްރިކްޓްތަކުން ފެންނަން ހުންނާނެއެވެ.
މިއަހަރުގެ މެއި މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒު އިންތިޒާމްކޮށް ހިންގަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވެބްސައިޓް އިފްތިތާޙްކޮށް، މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް https://one.gov.mv/services/mauraz މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ