މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ. މި މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވެއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ އިޢުލާނުގައިވާ ގޮތުން، މި މަޤާމުގެ މުސާރައަކީ މަހަކު 21,884 ރުފިޔާއެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 12,534 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 339 ރުފިޔާ ލިބޭނެކަމަށް ކަނޑައަޅާފައިވެއެވެ.
ޑިރެކްޓަރ ޖެނެރަލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެމްބީއެސްގެ މެންޑޭޓް ތަންފީޒުކުރުމަށް ބޭނުންވާ ކަންތައްތައް މިނިސްޓްރީގެ ސިޔާސަތާއި ޕްރޮސީޖަރތަކާ އެއްގޮތަށް އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން ހިމެނެއެވެ. އަދި އެމްބީއެސްގެ މަސައްކަތްތައް ހިންގުމަށް ދިމާވާ ދަތިތައް މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާއި ޑިވިޝަންތަކާ ގުޅިގެން ހައްލުކުރުންވެސް ހިމެނެއެވެ.
އެމްބީއެސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި އާ މެނޭޖްމަންޓެއްގެ ބޭނުން ޖެހިފައިވުމާއެކު، މިހާރު ސިވިލް ސާވިސްގެ އެހެން އިދާރާއެއްގައި މަސައްކަތްކުރަމުންދިޔަ ޑިރެކްޓަރ ޖެނެރަލެއް ވަގުތީގޮތުން އެމްބީއެސްއަށް ހަމަޖައްސާފައިވެއެވެ. އަދި މި ބޭފުޅާގެ ބެލުމުގެ ދަށުން މިހާރު ވަނީ މަސައްކަތްތައް ފަށާފައެވެ. ނަމަވެސް ތެލެސީމިއާ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމްބީއެސްއަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖައްސަންޖެހެއެވެ.
މިދިޔަ މަހު އެމްބީއެސްގެ ޚިދުމަތާ ގުޅޭގޮތުން ތެލެސީމިއާ ކުދިންގެ މައިންބަފައިން ވަނީ މުޒާހަރާކޮށްފައެވެ. މައިގަނޑު ގޮތެއްގައި އެ ފަރާތްތަކުން ފާހަގަކޮށްފައިވަނީ އެމްބީއެސްގައި ލިބެންޖެހޭ ބައެއް ވަސީލަތްތައް ނުލިބުމާއި، ކޮންމެހެން ހުންނަންޖެހޭ ބޭސް ނެތުމާއި، ލޭ ދޭ މީހުން ދީފައި ހުންނަ ލޭ އެމްބީއެސްގެ އިހުމާލުން އުކާލަންޖެހޭ ކަމާއި، އަދި ބަންދު ދުވަސްތަކުގައި އެމްބީއެސް ބަންދުކުރާ މައްސަލައެވެ.
ކޮމެންޓު ފޮނުވާ