އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕްކުރާކަމުގެ ތުހުމަތު: އެމްޑީޕީން ހުށަހެޅި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފި

އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕްކުރާކަމުގެ ތުހުމަތު: އެމްޑީޕީން ހުށަހެޅި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފި

ގުޅުންހުރި

އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕްކުރަމުންދާކަމަށް ތުހުމަތުކޮށް، އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރު 46 މެންބަރުންގެ ވޯޓުން މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ. އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުން އެ ޤަރާރު ބަލައިގަތުމަށް ވޯޓުދިން ނަމަވެސް، އަޣުލަބިއްޔަތުން ޤަރާރު ބޭރުކޮށްލެވުނެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޝަމްހީދު ހުށަހެޅުއްވި މި ޤަރާރުގައި، އެމްއެމްއޭއިން ހުޅުމާލެއިން ގަންނަ ބިމެއްގެ މުޢާމަލާތުގެ ތެރެއިން 14 ބިލިއަނަށްވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މި ޤަރާރުގައި ބަޔާންކޮށްފައިވަނީ، ފައިސާ ޗާޕްކުރުމުގެ ސަބަބުން ދައުލަތާއި ރައްޔިތުންގެ މާލީ ޙާލަތު ނުރައްކާތެރި ހިސާބަކަށް ގޮސްދާނެކަމަށް ބަޔާންކޮށް، މިކަމާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުމަށް ގޮވާލާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވިދާޅުވެފައިވަނީ، އެމްއެމްއޭއިން ފައިސާ ޗާޕްކުރަމުންދަނީ ހުޅުމާލެއިން ބިންގަތުން ނިވާފަތްގަނޑަކަށް ހަދައިގެންކަމަށެވެ. އަދި މިއީ އިޤްތިޞާދުގެ ހަމަޖެހުން ނަގާލައި، އިޤްތިޞާދަށް އިޔާދަނުކުރެވޭ ދާއިމީ ގެއްލުމެއް ދޭނެ ޣައިރު ޒިންމާދާރު ޢަމަލެއްކަމަށް އެފަރާތްތަކުން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ޕީއެންސީގެ މެންބަރުން ވިދާޅުވެފައިވަނީ އެމްޑީޕީން ކުރަމުންދަނީ އަސްލެއްނެތް ތުހުމަތުތަކެއްކަމަށާއި، ސަރުކާރުން ފައިސާ ޗާޕްކުރުމަށް މަސައްކަތް ނުކުރާކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ އެމްއެމްއޭއާއި ސަރުކާރަށް ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދިއުމަށް ގޮވާލާފައެވެ. އަދި އެކަން ނުކުރެވޭނަމަ، އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާދިނުމަށްވެސް އެމްޑީޕީން ގޮވާލާފައިވެއެވެ. މިގޮތަށް ގޮވާލުމަށްފަހު، އެމްއެމްއޭގެ ބޯޑުން 3 މެންބަރަކު އިސްތިއުފާދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވެފައިވަނީ، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުޢާމަލާތުގެ ތެރެއިން 14 ބިލިއަނަށްވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕްކުރުންކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާކަމަށެވެ. އަދި ފައިސާ ޗާޕްކުރުމަކީ ޝޯޓްކަޓެއްކަމަށާއި، އެއީ އިޚުލާޞްތެރި މަގެއް ނޫންކަމަށްވެސް ރައީސް މީގެކުރިން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ