ގަން އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓްގެ މަގެއްގައި ހުރި އިމާރާތެއް ހުސްނުކުރެވި ހުރަސްތަކެއް ދިމާވެއްޖެ

ގަން އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓްގެ މަގެއްގައި ހުރި އިމާރާތެއް ހުސްނުކުރެވި ހުރަސްތަކެއް ދިމާވެއްޖެ

Author
ހުސައިން
07 އޭޕްރިލް 2025 07:15
0

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ މަގެއްގައި ހުރި އިމާރާތެއް ހުސްނުކުރެވުމުގެ ސަބަބުން، މަޝްރޫޢު ނިންމަންޖެހޭ މުއްދަތަށް ނިންމަން ދަތިވެ، ދައުލަތުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހިދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އައްޑޫގެ ގިނަ ރައްޔިތުން މި މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، މިނިސްޓަރުގެ މި ބަޔާން އައިސްފައިވަނީ، ހައުސިން މިނިސްޓްރީން މަގު ވަކި ހިސާބަކުން ހުއްޓާލުމަށް އަންގާފައިވާތީއެވެ.

ޑރ. މުއްތަލިބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި، މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވި، ބިން ކޮންޓްރެކްޓަރާ ހަވާލުނުކުރެވުމުގެ ސަބަބުން، ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، ކޮންޓްރެކްޓަރަށް ބަދަލުދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެ، ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ، އެ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެ އިމާރާތާއި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮންޕެނީގެ މިލްކެއްކަމަށްވިޔަސް، 2 އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެންވެސް، އެ އިމާރާތް ބޭނުންކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅުހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮންޕެނީއަށް އެބިން ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިނުވެއެވެ.

"މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަން. އަދި މިމަހު 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ. އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. މުއްތަލިބް އިތުރަށް ވިދާޅުވީ، އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސްކުރެވި، ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 2023 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢު ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވާއިރު، 455.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އޭރު ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.