ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަންއެއް ކަމަށްވާ މުޙައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހިގެން މިހާރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުންގެންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިއްޔެ މެންދުރު ސްޓްރޯކް ޖެހުމާ ގުޅިގެން ކައްޕި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. "އަދަދު ސްޕޯޓްސް" އިން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ކައްޕިގެ ސިކުނޑީގެ ތިން ނާރު ބްލޮކްވެފައިވާއިރު، އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު ސިކުނޑީގެ ސާޖަރީއެއް ހަދަންޖެހުމުގެ ފުރުސަތު އޮތް ކަމަށް ކައްޕިގެ ގާތް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.
ދިވެހި ފުޓްބޯޅައިގެ އުސް ފަރުބަދައެއް ކަމަށްވާ ކައްޕިއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބްތަކުގެ ތެރެއިން އެއް ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ރަތް ޖާޒީގައި 1992 އިން 2002 އަށް ކުޅެދިން ކުޅުންތެރިއެކެވެ. ކެޕްޓަނެއްގެ ޒިއްމާ ތަފާތުކޮށް އަދާކުރުމާއި، ލީޑަރޝިޕްގެ އަގުހުރި ސިފަތަކެއް ފެނިގެންދިޔުމުގެ ސަބަބުން "ކައްޕި" ގެ ނަމުން މަޝްހޫރުވެފައިވާ މުޙައްމަދު އިބްރާހީމް ވަނީ ވިކްޓަރީއާއެކު ގައުމީ މުބާރާތް ފަސް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު އަދި ކަޕްވިނާސް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ވިކްޓަރީން ދެވަނަ ފަހަރަށް ގައުމީ މުބާރާތް ކާމިޔާބުކުރިއިރު، ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ހުރީ ކައްޕިއެވެ.
ކުޅުންތެރިޔާގެ ކެރިއަރުގެ ފަހު އަހަރު ވިކްޓަރީގެ އެންމެ ބޮޑު ވާދަވެރި ކްލަބް ކަމުގައިވާ ނިއު ރޭޑިއަންޓްގެ ޖާޒީގައި ކުޅެ، އެ ކްލަބާއެކުވެސް ކައްޕި ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރި ކައްޕިގެ ކާމިޔާބީތައް ގިނައެވެ. 1999 ވަނަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ރާއްޖެއިން ހޯދިއިރު ޓީމުގެ ކެޕްޓަންއަކީ ކައްޕިއެވެ. މީގެއިތުރުން 2000 ވަނަ އަހަރު މާލޭގައި ބޭއްވުނު ގޯލްޑަން ޖޫބިލީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ދިވެހިރާއްޖެއިން ހާސިލުކުރިއިރުވެސް ޓީމުގެ ކެޕްޓަންކަން ކުރީ ކައްޕިއެވެ.