ކޮލަންބޯ (6 އެޕްރީލް 2025) – އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުން ހަކަތައާ ބެހޭ ބޮޑު މަރުކަޒެއް ނުވަތަ ހަބެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެސް ބައިވެރިވިނަމަވެސް، އެ ގައުމުން އަދާކުރާނެ ދައުރު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސްރީލަންކާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަބު ބިނާކުރެވޭނީ ސްރީލަންކާގެ ޓްރިންކޮމަލީ ސިޓީގައެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ހިންގާނީ އިންޑިއާގެ ކުންފުނިތަކުންނެވެ. އަދި ޚަރަދުގެ ބޮޑުބައި ހިއްސާކުރާނީވެސް އިންޑިއާއިން ނަމަވެސް، އެއީ ލޯނުގެ ގޮތުގައެވެ. މި މަޝްރޫޢުގެ ދަށުން އެކި ބާވަތުގެ ތެލާއި ގުދުރަތީ ގޭސް ރައްކާކުރާ ބޮޑެތި ޓޭންކްތަކެއް ބިނާކުރުމަށް ހަމަޖެހިފައިވާކަމަށް ނޫސްތަކުން ހާމަކޮށްފައިވެއެވެ.
މިއީ 2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި މާލީ އަދި އިގުތިސާދީ ބަނގުރޫޓްވުމުގެ ކާރިސާއިން އަރައިގަތުމަށްފަހު އެ ގައުމުން ފަށާ އެންމެ ބޮޑު މަޝްރޫޢެވެ.
މޯދީގެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް އަރޫނާ ކުމާރާ ޑިސެނަޔަކެއާއެކު ބޭއްވުނު މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ސްރީލަންކާއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަނިތަކަށެވެ. ކޮވިޑްގެ ދުވަސްވަރުގައި އިންޑިއާއިން ހަތަރު ބިލިއަނެއްހާ ޑޮލަރުގެ ލޯނާއި މާލީ އެހީ ސްރީލަންކާއަށް ދީފައިވެއެވެ. މީގެ އިތުރުން، އޭގެކުރިންވެސް ސްރީލަންކާއިން ގިނަ އަދަދަކަށް ލޯނު ނަގާފައިވާއިރު، މި އަހަރުގެ ކުރީކޮޅު 1.4 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހުނުނަމަވެސް، އެކަމަކީވެސް ސްރީލަންކާއަށް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
މޯދީގެ ދަތުރުފުޅުގައި އިތުރު މަޝްރޫޢުތަކަކާ ގުޅޭ އެއްބަސްވުންތަކެއްގައިވެސް ދެ ގައުމުގެ މަސްއޫލުވެރިން ސޮއިކޮށްފައިވެއެވެ. މީގެތެރޭގައި 100 މިލިއަން ޑޮލަރުގެ ހަކަތައިގެ މަޝްރޫޢެއް ހިމެނެއެވެ. މިއީ ބިމުގެ އަޑީގައިވާ ހޫނުކަން ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ރާވާފައިވާ މަޝްރޫޢެކެވެ. އިންޑިއާގެ ތާމަލް ޕަވާކޯޕާއި ސްރީލަންކާގެ ސެލޮން އިލެކްޓްރިސިޓީ ބޯޑުން ގުޅިގެން މި މަޝްރޫޢު ހިންގާނެއެވެ.
މީގެއިތުރުން، ސްރީލަންކާގެ ޒަމާންވީ އިލެކްޓްރިކް ނެޓްވާރކްތައް އައު ނެޓްވާރކްތަކަކަށް ބަދަލުކުރުމުގެ މަޝްރޫޢެއްގައިވެސް ދެ ގައުމުގެ މަސްއޫލުވެރިން ސޮއިކޮށްފައިވެއެވެ.
ސްރީލަންކާގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެ ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗަރ ބަލިކަށިވުމެވެ. އަރޫނާގެ ސަރުކާރުން ހަކަތައިގެ ދާއިރާ ހިމެނޭގޮތަށް ސްރީލަންކާގެ މަދަނީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް އިސްކަންދެއެވެ. ސްރީލަންކާގައި ހިނގި 28 އަހަރުގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ގައުމުގެ އިންފްރާސްޓްރަކްޗަރ ބިނާނުކުރެވި، ކުރިން ހުރި އިންފްރާސްޓްރަކްޗަރވެސް ހަލާކުވެފައިވެއެވެ.