ސްޑޫޓަންޓް ލޯނުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ގެންނަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މައްސަލަތަކަކީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއްކަމަށާއި، މިކަންކަން ރަނގަޅުކޮށްދެއްވާނެކަމަށެވެ.
"ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އެފިޝަންޓު ކޮށްދީ އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް ޖަވާބު ދިނުމާއި، އަވަހަށް، އޮންޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުމާ ކަންކަން ރަނގަޅު ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދަރިވަރުން ފޮނުވާ ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވުމަކީ އެންމެ ގިނައިން ފާހަގަކޮށްފައިވާ ޝަކުވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް އެނގިވަޑައިގަންނަވާކަމަށާއި، މިފަދަ ދަތިތައް އެމަނިކުފާނު ވެސް އަހަރުތަކެއް ކުރިން ތަޖުރިބާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ވަކި އިނގިރޭސިވިލާތަކު ނޫން. ހުރިހާ ގައުމެއްގަ ކިޔަވާ ހުރިހާ ކުދިންނަށް ހަމަ އިރާދަކުރެއްވިއްޔާ މިގޮތަށް މިކަންކަމުގެ ހަމަ އެއްހަމައަކުން ސަމާލުކަން ދީގެން ކޮށްދޭނަން" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅުތައް ދެއްކެވީ، ވޭތުވެދިޔަ މަހެއްހާ ދުވަހު ސޯޝަލް މީޑިއާގައި އެތައް ދަރިވަރުންނެއް އަދި ދަރިވަރުންގެ އާއިލާތަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ކަންކަމާއި ޝަކުވާތަކަށް އަދި އީމެއިލްތަކަށް ޖަވާބު ނުދޭކަމުގެ ޝަކުވާތައް ކުރަމުން ގޮސްފައިވަނިކޮށެވެ.
މިފަދަ ޝަކުވާތަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރާ ރަސްމީކޮށް ސުވާލުކުރައްވާފައެވެ. އަދި މި ޝަކުވާތައް ފެންމަތިވެފައިވަނިކޮށް، މި އަހަރުގެ މާޗު 28 ގައި ރައީސް މުއިއްޒު ވަނީ ސްޓޫޑެންޓު ލޯނުން ނަގަމުން އައި އެއް ޕަސެންޓުގެ އެޑްމިނިސްޓްރޭޝަން ފީ އުވާލައްވާފައެވެ.