އަނަސްގެ މަރު: ތުހުމަތުކުރެވޭ މީހުން ބަންދުނުކުރުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

އަނަސްގެ މަރު: ތުހުމަތުކުރެވޭ މީހުން ބަންދުނުކުރުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ގުޅުންހުރި

މީގެ އަށް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރުގައި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް އަނިޔާވެރިކޮށް މަރާލި މައްސަލާގައި ތުހުމަތުކުރެވޭ މީހުން ބަންދުނުކުރުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

އަނަސް މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލުނެވެ. މިގޮތުން ދަޢުވާކުރެވުނީ ދަފްތަރު ނަންބަރު 1746، ސިމާހު މޫސާ، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް، ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް، ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ، ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާން، ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފްގެ މައްޗަށެވެ.

ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ ކްރިމިނަލް ކޯޓުން މި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2024 ފެބްރުއަރީ 25 ގައި ހުކުމްކުރިއެވެ. އެއަށްފަހު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމާއެކު، އެމީހުން ބަންދުކޮށްދިނުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ.

އެހެންނަމަވެސް، މިދިޔަ މަހުގެ 10 ވަނަ ދުވަހު ހައިކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެވެން ނެތްކަމަށެވެ. ތުހުމަތުވާ މީހުން ބަންދުކުރަންޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ، މިފަދަ އަމުރެއް ނެރެވޭނީ އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ހާލަތްތަކުގައާއި، މުޖުތަމަޢުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެކަމަށް ބެލެވޭ ހާލަތެއްގައި، އަދި ތުހުމަތުކުރެވޭ ފަރާތްތައް ފިލައިގެން ގޮސްދާނެކަމުގެ އިހްތިމާލު އޮތް މައްސަލަތަކުގައިކަން ހައިކޯޓުން ފާހަގަކުރިއެވެ.

އެހެންކަމުން، ދައުލަތުން މިދިޔަ ހޮނިހިރު ދުވަހު އެ މީހުން ބަންދުނުކުރުމަށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ