ޑިސްކައުންޓާއެކުވެސް ކަރަންޓު ބިލު ބޮޑުވީ ހޫނު މޫސުމާ ދިމާވުމުން: ސްޓެލްކޯ

ޑިސްކައުންޓާއެކުވެސް ކަރަންޓު ބިލު ބޮޑުވީ ހޫނު މޫސުމާ ދިމާވުމުން: ސްޓެލްކޯ

ގުޅުންހުރި

މި ރޯދަ މަހު ޑިސްކައުންޓް ދިނުމުން ވެސް ކަރަންޓު ބިލު ބޮޑުވީ، ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ކަމުގައި ސްޓެލްކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ރޯދަ މަހަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ކަރަންޓާއި ފެނުން ދިން ނަމަވެސް، ޑިސްކައުންޓް ލިބުމުން ވެސް، ބިލު ބޮޑުވުމުގެ ޝަކުވާތައް އާންމުން ދަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ. ބައެއް ގޭބީސީތަކުން ބުނެފައިވަނީ ކަރަންޓު ބޭނުންކުރި މިންވަރު ދެގުނަވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އާންމު ގޮތެއްގައި ކޮންމެ ރޯދަ މަހެއްގައި ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ކަމަށެވެ. ޚާއްޞަކޮށް މިފަހަރު ހޫނު މޫސުމާއި ރޯދަ މަސް އެކުއެކީ އައުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވެއެވެ. ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، މިދިޔަ އަހަރުގެ ރޯދަ މަހާ އަޅާބަލާއިރު މިފަހަރުގެ ބިލުތައް ދަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރޯދަމަހުގެ އެންމެ ފަހު ދުވަސްކަމުގައިވާ ނިމިދިޔަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެ، އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތުގައި 103،801 ކިލޯވޯޓުގެ ކަރަންޓު ބޭނުންކޮށްފައިވެއެވެ.

މި ރަމަޟާންމަހު ކަރަންޓަށް ދޭ ޑިސްކައުންޓަށް ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭނެކަމަށް ސްޓެލްކޯއިން ކުރިން އަންދާޒާކޮށްފައިވެއެވެ. އަދި ރޯދަ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތާ ގުޅިގެން ފެބުރުވަރީ މަހުގެ ބިލު ކުރިންސުރެ ފޮނުވާފައިވުމުން، ޖަނަވަރީ އަދި ފެބުރުވަރީ މަހުގެ ބިލުތައް ގާތްގާތުން އައުމާމެދު ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައިވަނީ، ގާތްގާތުން ދެ ބިލު ފޮނުވާނެކަން މީޑިއާ މެދުވެރިކޮށް ކުރިން ވަނީ ހާމަކޮށްފައިކަމަށާއި، އެއީ ކަސްޓަމަރުންގެ ފައިދާއަށް ނިންމި ނިންމުމެއްކަމަށެވެ. މިގޮތަށް ނިންމުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ރޯދަމަހުގެ ބިލަކީ ހަމައެކަނި އެ މަހު ބޭނުންކުރެވުނު ކަރަންޓަށް ބިނާކޮށް ތައްޔާރުކުރެވޭ ބިލެއްކަން ކަށަވަރުކުރުން ހިމެނޭކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

އިތުރަށް ފާހަގަކުރެވިފައިވާ ގޮތުގައި، ރޯދަމަހު ކަރަންޓާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ