ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތުގައި އުޅޭ ބިދޭސީންތަކެއްގެ މެދުގައި މިއަދު ބޮޑު މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މާރާމާރީގައި އަނިޔާވި ފަރާތްތަކުގެ ތެރެއިން ބައެއް މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދެމުން ގެންދާއިރު، އަނެއްބައި މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާދެމުން ގެންދާ ކަމަށެވެ. ނަމަވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ މީހުންގެ އަދަދު އަދި ވަނީ ހާމަކޮށްފައި ނުވެއެވެ. މި މާރާމާރީއާ ގުޅޭގޮތުން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ލިބޭ މަޢުލޫމާތުން ދައްކާގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ޗައިނާ މަސައްކަތްތެރިންނާއި އަރަބި މަސައްކަތްތެރިންނާ ދެމެދުގައެވެ. ޓާމިނަލްގެ މަސައްކަތް ކުރަމުން ގެންދަނީ ސައުދީ ބިންލާދިން ގްރޫޕާއި، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޗައިނާ ކޮމިއުނިކޭޝަން ކޮންޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ. މިހާތަނަށް މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ސާފުވެފައެއް ނުވެއެވެ.