"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

Author
ޢަލީ އާދަމް
01 ޖެނުއަރީ 2021 04:12
0

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާހްކޮށްދެއްވައިފި އެވެ.

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން"އަކީ އައު އަހަރާ ދިމާކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ނެރޭ "އީ- މެގަޒިން"އެކެވެ. އިނގިރޭސި ބަހުން ނެރޭ މި މަޖައްލާ މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައި ވާކަމަށް ޓޫރިޒަމް މިނިސްޓރީން ބުނެއެވެ.

މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ އީމެގަޒިނަކީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި، ޚާއްޞަކޮށް ފަތުރުވެރިންނާއި ކިޔަވާކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ހިމަނާފައިވެއެވެ. އޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަންޖެހުމާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ނަމަވެސް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލުކުރެވިފައިވާކަން އެ މަނިކުފާނުގެ ބަސްފުޅުގައި ފާހަގަކުރެއްވިއެވެ.

މި މަޖައްލާގައި ހިމެނޭނީ ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާ މުހިއްމު މަސައްކަތުތަކުގެ މަޢުލޫމާތުގެ އިތުރުން ފަތުރުވެރިކަމާއި ގުޅޭ ތަފާސް ހިސާބުތަކާއި، ފަތުރުވެރިކަމުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޙިއްސާކުރާ މުހިއްމު މަޢުލޫމާތުތަކާއި ޚަބަރުތަކާއި ޓޫރިޒަމް އިންޑަސްޓްރީގެ މުހިއްމު ޚަބަރުތައް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.