އެމްބްލިއުއެސްސީއަށް 30 އަހަރު ފުރުން: 107 ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކު ނިންމާފައިވޭ!

އެމްބްލިއުއެސްސީއަށް 30 އަހަރު ފުރުން: 107 ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކު ނިންމާފައިވޭ!

ގުޅުންހުރި

މިއަދު މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކުންފުނި (އެމްޑަބްލިއުއެސްސީ) 30 އަހަރު ފުރުމުގެ މުނާސަބާގައި އެ ކުންފުނިން މިހާތަނަށް 107 ޕްރޮޖެކްޓެއް ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަން އިޢުލާންކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2025 ވަނަ އަހަރު ސަރުކާރުން ޖުމްލަ 32 ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާކަމަށެވެ. މީގެތެރޭގައި ފެނުގެ 17 ޕްރޮޖެކްޓާއި ނަރުދަމާގެ 15 ޕްރޮޖެކްޓް ހިމެނެއެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރު ފަށައިފިކަމަށާއި، އަނެއްބައި ޕްރޮޖެކްޓްތަކުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރީތައްވަމުންދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

އެމްޑަބްލިއުއެސްސީން ފާހަގަކޮށްފައިވާ ގޮތުގައި ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒު ޤާއިމްކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. މި ތަރައްޤީތަކާއެކު، މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ޤާބިލިއްޔަތުކަން 26 އިންސައްތަ އިތުރުވެ، ފެން ރައްކާކުރެވޭ މިންވަރު 28 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، މާލެއާއި ހުޅުމާލޭގެ ޓްރާންސްފަރ ޕަންޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި، މި މަސައްކަތް ފުރިހަމަވުމުން މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަންޕްކުރުމުގެ ޤާބިލިއްޔަތުކަން ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން 24 ގަޑިއިރު ގުޅޭނެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތާއި، ކުންފުނީގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމުގެ އިތުރުން ސްމާޓް މީޓަރުގެ ޚިދުމަތްވެސް ދޭން ފަށާފައިވާކަން ފާހަގަކޮށްފައިވެއެވެ. ކުންފުނި އުފެދުނުއިރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި އޮތްނަމަވެސް، 30 އަހަރުގެ ތަޖުރިބާއާއެކު މިއަދު އެމްޑަބްލިއުއެސްސީއަކީ އިންޖިނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެއްކަމަށް ބުނެފައިވެއެވެ.

އެމްޑަބްލިއުއެސްސީން އިތުރަށް ފާހަގަކޮށްފައިވަނީ އުފެއްދުންތެރިކަމުގެ ދާއިރާއިންވެސް އެކުންފުނިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުހާނާއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ކ. ގުޅީފަޅުގައި ޤާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކަށާއި ފެން ވަޔަރިންގއަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، ކަރަންޓް ވަޔަރިންގއަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުންވެސް ހިމެނެއެވެ.

30 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެމްޑަބްލިއުއެސްސީން ރާވާފައިވާކަމަށް ބުނެފައިވެއެވެ. މީގެތެރޭގައި ކުޑަކުދިންގެ ހަވީރާއި، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމާއި، ގަސްއިންދުމުގެ ޕްރޮގްރާމުގެ އިތުރުން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ޕްރޮގްރާމްތައް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ