ބައްސާމްގެ ސަސްޕެންޝަންގެ މުއްދަތު ނިމިއްޖެ

ބައްސާމްގެ ސަސްޕެންޝަންގެ މުއްދަތު ނިމިއްޖެ

ގުޅުންހުރި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ސަސްޕެންޝަންގެ މުއްދަތު ނިމިއްޖެއެވެ. ފީފާއިން ބައްސާމް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނުވަ މަސް ދުވަހުގެ މުއްދަތަށެވެ. ފީފާގެ އެތިކްސް ކޮމިޓީގެ އެ ނިންމުމުގެ މުއްދަތު މިހާރު ހަމަވެ، ބައްސާމް ވަނީ ސަސްޕެންޝަނުން ވީއްލިފައެވެ. މިހެން ވުމުން، އެފްއޭއެމްގެ އިންތިހާބުގައި ބައްސާމްއަށް ވާދަކުރުމަށް މިވަގުތު އެއްވެސް ހުރަހެއް ނެތެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާތަކެއް މީގެ ކުރިން ވެސް ބައްސާމްގެ މައްޗަށް އުފުލާފައިވެއެވެ. އަދި މިހާރު އިތުރު ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވާއިރު، އޭނާ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ. މިއީ ބައްސާމް މަގާމުގައި ހުރިއިރު، އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ، ޚާއްޞަކޮށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޑޮލަރުން ލިބޭ ފައިސާ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލައެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާގައި ހިމެނެނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ. ހިޔާނާތްތެރިވުމުގެ ދައުވާގައި ބުނެފައިވަނީ ބައްސާމް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1,200,000 ޑޮލަރަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. މި ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވެއެވެ.

މަނީ ލޯންޑްރިންގގެ ދައުވާގައި ބުނެފައިވަނީ ބައްސާމް އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ 25,000,000 ރުފިޔާގެ ތެރެއިން ބުކިންގ ފީއާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާ އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާ ކަމަށެވެ. މި ކުށަށް 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވެއެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށާއި، އެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ