ކެލާ ފަޅު ހިއްކައިގެންކާށިދޫ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފި

ކެލާ ފަޅު ހިއްކައިގެންކާށިދޫ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފި

ގުޅުންހުރި

ހއ. ކެލާ ފަޅު ހިއްކައިގެން ދެ ރިސޯޓާއި ކ. ކާށިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަށް އިއްޔެ އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ގަރާރެއް ނެރުއްވާފައެވެ. މީހުން ދިރިއުޅޭ ކެލާ އާއި ކާށިދޫގައި ރިސޯޓު ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ އިޢުލާނުތަކުގައިވާ ގޮތުން، ކެލާގެ ފަޅުން ހިއްކާ 156.2 ހެކްޓަރުގެ ފުރަތަމަ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަންޖެހޭނެއެވެ. މި ރަށުގައި 12.19 ހެކްޓަރު ހިއްކަންޖެހޭނެއެވެ. މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަންޖެހޭނެއެވެ.

ކެލާގެ ފަޅުން ހިއްކާ ދެވަނަ ރަށް ކަމަށްވާ 169.3 ހެކްޓަރުގެ ސަރަހައްދުގައިވެސް 12.19 ހެކްޓަރު ހިއްކަންޖެހޭނެއެވެ. މި ރަށުގައިވެސް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަންޖެހޭނެއެވެ. 50 އަހަރަށް ކުއްޔަށް ނެގޭ މި ރަށް ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަންޖެހޭނެއެވެ.

ކާށިދޫއަށް ވަކިން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، އެ ރަށުގެ ފަޅުން ހިއްކާ 115.21 ހެކްޓަރުގެ ރަށުގައި 10 ހެކްޓަރު ހިއްކުމަށްފަހު 100 އެނދުގެ ރިސޯޓެއް ތަރައްގީކުރަންޖެހޭނެއެވެ. މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.25 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަންޖެހޭނެއެވެ.

މި ތިން ރަށުގެ ބީލަމަށްވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000 ޑޮލަރު ހުށަހަޅަންޖެހޭނެއެވެ. އަދި ރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓުގެ (ކޮންމެ ކޮޓަރިއަކަށް 75,000 ޑޮލަރުގެ މަގުން)، މަދުވެގެން 20% ހުރިކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަންޖެހޭނެއެވެ.

ކެލާގެ ދެ ރަށުގެ ބީލަން އަންނަ 5 ޖޫންގެ މެންދުރު ފަހު 1އަށް އަދި ކާށިދޫގެ ބީލަން އެ ދުވަހުގެ ހެނދުނު 10އަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. ބީލަމަށް ބޭނުންވާ ލިޔެކިއުންތައް ޓޫރިޒަމް މިނިސްޓްރީން ގަންނަން ލިބޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ