މާލެ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ހުކުރު ދުވަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާގޮތުގައި، ހޮނިހިރު ދުވަހުވެސް އެންމެ ޕީކް ގަޑިއެއްގައި 104 މެގަވޮޓާއި ގާތްކުރާ މިންވަރަކަށް ކަރަންޓު ބޭނުންކުރެވިފައިވެއެވެ. ސްޓެލްކޯއިން ޢާންމުކުރެއްވި މަޢުލޫމާތުން ދައްކާގޮތުގައި، ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރެވިފައިވަނީ ހަވީރު 4:00 ގައި ކަމަށްވެފައި، އެވަގުތު ކަރަންޓު ބޭނުންކުރި މިންވަރު 103.8 މެގަވޮޓަށް އަރާފައިވެއެވެ.
ސްޓެލްކޯއިން އިލްތިމާސްކުރައްވާފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކަމަށް ފާހަގަކުރެވޭ ގަޑިތަކުގައި ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ. ރޯދަމަހަކީ އާންމުކޮށް ކަރަންޓުގެ ބާވަތްތައް ވަރަށް ގިނައިން ބޭނުންކުރެވޭ މަހަކަށްވުމާއެކު، ސްޓެލްކޯއިން ވަނީ ކަރަންޓުގެ ބާވަތްތައް ބޭނުންކުރުމުގައި ވީހާވެސް ކަރަންޓުގެ ޚަރަދު ކުޑަވާނެހެން ބޭނުންކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
މި ރޯދަމަހުގައި ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން ހުރިހާ ގޭބިސީއަކަށްވެސް އެންމެ މަދުވެގެން 10% އާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.