އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ތަފްސީލު ފުލުހުން މިރޭ އާއްމުކޮށްފި އެވެ. މި މައްސަލައިގައި ފުލުހުން ހާމަކުރިގޮތުގައި، ބިދޭސީން ދިރިއުޅޭ ގެއެއް ފާސްކުރުމަށްފަހު ހައްޔަރުކުރި ބިދޭސީންގެ އަތުގައި ސައްހަ ލިޔުންތައް ހުރިކަން ފާހަގަކުރެވުނެވެ.
މި މައްސަލައިގައި އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ހިމެނޭގޮތަށް މިހާތަނަށް ފަސް މުވައްޒަފަކު ހައްޔަރުކޮށްފައިވެއެވެ. ޝަމްއާންގެ ގެއިން ފުލުހުން ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފައިވެއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ ތިން އޮފިސަރަކު ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ވަދެ، އިމިގްރޭޝަނުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަނުގެ މަޢުލޫމާތު ޝަމްއާނަށް ކުރިން އެނގިވަޑައިގަންނަވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އާއި މީޑިއާގައި މަސައްކަތްކުރާ ތިން މުވައްޒަފުންނެވެ. މި ތިން މުވައްޒަފުން ފުރަތަމަ ބިދޭސީން ދިރިއުޅޭ ގެއަށް ގޮސް އެތަން ފާސްކުރިއެވެ. އެރޭ ފަހުން މިފަދަ އޮޕަރޭޝަންތަކަށް ހާއްސަ ޓީމެއް އަލުން އެ ގެއަށް ފޮނުވައި ފާސްކުރުން ކުރިއަށް ގެންދިޔައެވެ. ބިދޭސީންގެ ގެއިން ހޯދި ތަކެތި ގެންދިޔައީވެސް މި އޮޕަރޭޝަނުގައި ބައިވެރިވި މުވައްޒަފުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތް ބިދޭސީންގެ އަތުގައިވެސް ރަސްމީ ލިޔެކިޔުންތައް ހުރިކަން ފުލުހުން ހާމަކޮށްފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު، ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރު، އިމިގްރޭޝަނުގެ އޮފީސް ހުންނަ ގ. ސްޓާކްލައުޑްއަށް ގެންދިޔަކަމަށާއި އޭނާ ދޫކޮށްލީ، ޝަމްއާނުގެ އިރުޝާދުގެ ދަށުން 'އާޖެންޓް' ކަމެއްގެ ގޮތުގައިކަން ފުލުހުން ހާމަކޮށްފައިވެއެވެ.
އެ ބިދޭސީ މީހާގެ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވީ ދިވެއްސެއްކަމަށާއި، އެއީ މި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުގެ އާއިލާގެ މެމްބަރެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. ބިދޭސީ މީހާގެ އަތުން ހޯދި ފައިސާ، އޭނާ ދޫކޮށްލި އިރު ކޮތަޅަކަށް އަޅައި އަނބުރާ ހަވާލުކުރިއެވެ. އޭނާ ދޫކޮށްލުމުން ފުރަތަމަ ދިޔައީ ސްޕޮންސަރުގެ ސައިކަލުގައި ކަމަށާއި، އެކަމަކު ވަކި ހިސާބަކުން އިމިގްރޭޝަނުގެ މުވައްޒަފުން އެތަނުގެ ވެހިކަލަކަށް އެރުވިކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެ ވެހިކަލް މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާއިރު، ތަހުގީގަށް ގަބޫލުކުރެވޭ ގޮތުގައި 'ވަކި ކަންތައްތަކެއް ނިންމުމަށް ފަހު' ބިދޭސީ މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ވަނީ ގެންގޮސްފައެވެ،" ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރިގޮތުގައި އިމިގްރޭޝަނުގެ ވެހިކަލްގައި އެތަނުގެ މުވައްޒަފުން ދެން ދިޔައީ ޝަމްއާންގެ ގެއަށެވެ. އެ ގެއަށް ވަންއިރު އެ މީހުންގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކޮތަޅެއް އޮތް ކަމަށާއި ނުކުތް އިރު، ކޮތަޅު އޮތީ މުށުތެރޭގައި ބޮނޑިކޮށްލާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފަހުން ފުލުހުން ޝަމްއާންގެ ގެ ފާސްކޮށް، އެ ގެއިން 250،000 ރުފިޔާ އާއި 10،000 ޑޮލަރު ހޯދައިފައިވެއެވެ. މި މައްސަލައިގައި އޭނާ މިހާރު ހުންނަނީ ހައްޔަރުކޮށްފައެވެ.