އެއްވެސް މީހަކު އަމިއްލައަށް ރޯދަ އަދި އީދު އިއުލާންކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި، ރޯދަ މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން ޝަރުއީ ހަމަތަކާއި ރާއްޖޭގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން މިނިސްޓްރީން ކުރަމުންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރު ނުކުރާގޮތަށް ކަމަށެވެ. ހާއްސަކޮށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެމައްޗަށް ޝަރުއީ އަހްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއްކަމުން، ރައްޔިތުންނަށް އޮޅުންއަރައި ޝައްކު އުފެދޭގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމްގެ މި ވާހަކަފުޅުތައް ދައްކަވާފައިވަނީ މިއަހަރުގެ ފިތުރު އީދު ދުވަހާމެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޑރ. ހަސަން ހަމީދުގެ ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ. މައުމޫން ލަފާކުރައްވާގޮތުގައި އީދު ވާނީ މާޗު 30 ގައި ކަމަށްވާއިރު، ޑރ. ހަސަން ހަމީދު ލަފާކުރައްވާގޮތުގައި އީދު ވާނީ މާޗު 31 ގައެވެ.
މައުމޫން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށްވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާ މަހެއް ފެށުނީކަމަށެވެ. ހިޖުރީ މަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޑރ. ހަސަން ހަމީދުގެ ބްލޮގުގައި ވިދާޅުވެފައިވަނީ ހަނދު ނުފެންނަނީސް ހަނދު ލައްވަން ފެށްޓެވީ މައުމޫންގެ ދައުރުން ފެށިގެންކަމަށެވެ. އިސްލާމީ ދުނިޔޭގެ މަޝްހޫރު އާލިމް އަބްދުލްއަޒީޒް އިބްން އަބްދުﷲ އިބްން ބާޒްއާ ހަވާލާދީ، ހަސަން ހަމީދު ވިދާޅުވީ މައްކާގައި ފެންނަ ހަނދަށް އެހެން ގައުމުތަކުގައި މީހުން ތަބާވާން ޖެހޭނެކަމަށް ބުނާ ބުނުމަށް ކީރިތި ގުރްއާން އަދި ހަދީސްގައި އެއްވެސް ދަލީލެއް ނުވާކަމަށެވެ.
ރާއްޖޭގައި މިގޮތަށް އަމަލުކުރަން ފެށީ މައުމޫންގެ ދައުރުން ފެށިގެންކަމަށާއި، އޭގެ ކުރިން އިސްލާމީ ދުނިޔޭގައިވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ގައުމަކަށް ހަނދު ފެނުމުންކަމަށް ހަސަން ހަމީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ސައުދީ އަރަބިއްޔާއަށް ވުރެ ދެ ގަޑިއިރު އިރުމަތީގައި އޮންނާތީ، ސައުދީއަށް ފެންނަ ޅަހަނދު ރާއްޖެއަށް ފެނުމުގެ ފުރުސަތު ކުޑަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުމޫން މީގެކުރިން ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާ ހިމެނޭގޮތަށް އިސްލާމީ ގިނަ ގައުމުތަކަށް މާޗު 29 ގައި އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާޗު 30 އަކީ ފިތުރު އީދު ދުވަސްކަމަށް ބެލެވޭކަމަށެވެ.
އެހެންނަމަވެސް ހަސަން ހަމީދު ވިދާޅުވެފައިވަނީ މުޅި އޭޝިއާގެ ބައްރަށް މާޗު 29 ގައި ހަނދެއް ނުފެންނާނެކަމަށާއި، ހަނދު ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާއަށްކަމަށެވެ. މިފަދަ ހިސާބުތައް ފަސޭހައިން މައްކާއަށްވެސް ހެދިދާނެކަމަށާއި، ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރުކަމަށް އޭނާ ވިދާޅުވިއެވެ. މިހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފުވިޔަސް ނުފެންނާނެކަމަށާއި، ވީމާ ޖެހިގެން އަންނަ ދުވަސް (30 މާޗު) އީދަކަށް ނުވާނެކަމަށް ހަސަން ހަމީދު ވިދާޅުވިއެވެ.
ރާއްޖޭގައި މިފަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް މާޗު 1 ކަނޑައެޅީ ހަނދު ނުފެނުނު ނަމަވެސް، ސައުދީ އަރަބިއްޔާއަށް ހަނދު ފެނުމުންނެވެ.