އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމުން މާޗް 21 ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރެވުނު މުޙައްމަދު ޝަމްއާން ވަޙީދުގެ 15 ދުވަހުގެ ބަންދު މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މާޗް 22 ގައި ކްރިމިނަލް ކޯޓުން ޝަމްއާންގެ ބަންދަށް 15 ދުވަސް ނިންމުމާ ގުޅިގެން، ހައިކޯޓުގެ ރަޖިސްޓްރީން ފެންނަ ގޮތުގައި އިއްޔެ އެ މައްސަލަ އިސްތިއުނާފުކުރެވުނެވެ.
ޝަމްއާނާއި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކެއްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ބަންދުކުރެވުނު ބިދޭސީއެއް ދޫކޮށްލައި، އޭނާގެ އަތުން 530،000 ރުފިޔާ ނެގި މައްސަލައިގައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކޮށްފައިވަނީ އިމިގްރޭޝަންގައި އެފަދަ މަސައްކަތްތަކާ ހަވާލުވެފައިވާ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެކެވެ.
މި ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު، އޭނާގެ އަތުން ފެނުނު 530،000 ރުފިޔާއާއެކު ދޫކޮށްލާފައިވަނީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފައިސާ ނަގާފައިވަނީ އެ މީހާގެ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި، އެކަން ކޮށްފައިވަނީ މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކުރުމަށްފަހުއެވެ. އަދި އެ ފައިސާ ހިފައިގެން މި މައްސަލައިގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.