އއ. ރަސްދޫގައި އަލިފާނުގެ ހާދިސާއެއްގައި ބޮޑަށް ފިހުނު ދެމަފިރިންގެ ހާލަތު މިވަގުތު ވަރަށް ސީރިއަސް ކަމަށް އާއިލާއިން ބުނެފިއެވެ. މި ދެމަފިރިންނަށް މިހާރުވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 11:15 ހާއިރު ހިނގި މި ހާދިސާގައި އުމުރުން 31 އަހަރުގެ ދެމަފިރިންގެ ގައިގައި އަލިފާން ރޯވި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގުމާއެކު، އިތުރު ފަރުވާ ދިނުމަށްޓަކައި ދެމަފިރިން ވަނީ މާލެ ގެނެވިފައެވެ. އަންހެން މީހާއަށް ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބަހައްޓައިގެންނެވެ. އަދި އައިސީޔޫއިން ޖާގަ ލިބުމުން، އިއްޔެ މެންދުރުފަހު ފިރިހެން މީހާވެސް އެތަނަށް ބަދަލުކުރެވި، އޭނާއަށްވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ ކަމަށް އާއިލާއިން ބުނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އުމުރުން 5 އަހަރުގެ ކުއްޖަކުގެ މައިންބަފައިންކަމަށްވާ މި ދެމަފިރިންގެ ގައިގައި 80-90 ޕަސެންޓަށް ވަނީ ފިހިފައެވެ. އެ ދެމީހުންވެސް ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ވަނީ ކަނޑާލާފައިކަމަށް އިއްޔެ އާއިލާއިން ބުނެފައިވެއެވެ.
"ދެމަފިރިންގެ ހާލު އަދިވެސް ވަރަށް ކްރިޓިކަލް، އަދި ކުރިއެރުމެއް ނުލިބޭ" ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ހާމަކުރިއެވެ.
ހާދިސާއާ ގުޅޭގޮތުން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި، ދެމަފިރިންގެ ކޮޓަރީގައި މާބޮޑަށް އަލިފާން ނުހިފައެވެ. ހަމައެކަނި ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އަލިފާން ރޯވެފައިވާއިރު، އެދެމީހުންގެ ގައިގައި މިހާ ބޮޑަށް އަލިފާން ރޯވި ގޮތަކީ އަދިވެސް ސުވާލެކެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ މިވަގުތު ތަހުގީގުކުރަމުން އަންނަ ކަމަށާއި، އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.