ރޭގައި އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑަށް ފިހުނު ދެމަފިރިންގެ ހާލަތު ސީރިއަސްވެ އައިސީޔޫގައި އެޑްމިޓް ކޮށްފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ދިޔަރެސް" އަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި ފިހިގެން ހޮސްޕިޓަލަށް ގެނެވުނީ އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ. އަދި މި ދެމީހުންގެ ހާލު ވަރަށް ސީރިއަސްކަމަށާއި، މިވަގުތު ދެމީހުން ވެސް ވެންޓިލޭޓަރަށް ލާފައިވާ ކަމުގައި ވެސް ހާމަކުރެއްވިއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އަންހެންމީހާއަށެވެ. އޭނާގެ ހަށިގަނޑުގެ 90 އިންސައްތައަށް ވުރެ ބޮޑު ބައެއް ވަނީ ފިހިފައެވެ.
ރަސްދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 11:00 ހާއިރު، އެރަށުގެ ގެއެއްގައެވެ. އަދި އަލިފާން ރޯވެފައިވަނީ ދެމަފިރިން ނިދާ ކޮޓަރީގައެވެ. މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެ ނުވެއެވެ.
މި ހާދިސާގައި ދެމަފިރިންނަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލުތައް އައިޖީއެމްއެޗްއިން ހާމަކޮށްފައެއް ނުވެއެވެ.