ސްޓެލްކޯއިން ތުލުސްދޫގައި އަލަށް އިންޖީނުގެއެއް އެޅުމުގެ މަސައްކަތް 11.9 މިލިއަން ރުފިޔާއަށް ސަން ވިލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް 175 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ މާލެއަށްފަހު އެ ކުންފުނީގެ ޚިދުމަތް ފެށި ފުރަތަމަ ރަށް ކަމަށެވެ.
"ތުލުސްދޫގައި މިހާރުވެސް ހިނގަމުންދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް. އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގައި ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަރހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފައިވާ ސަރަޙައްދަށް. އެހެންވީމާ އެކަމަށްޓަކައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ފަހުމީ ވިދާޅުވިއެވެ.
ކ. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ތުލުސްދޫއަށް ބޭނުންވާ ވަރަށް ކަރަންޓު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އަދި މެންބަރު އިބްރާހިމް ނަސީމްގެ އިތުރުން، ސްޓެލްކޯގެ އިސް ވެރިންނާއި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.