އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ސައޫދީ އަރަބިއްޔާއަށް އަމާޒަށް ވާސިލްވާ ޒަމާނީ ހަތިޔާރު ވިއްކުމަށް ހުއްދަދީފައިވާކަމަށް ޕެންޓަގަން އިން ބުނެފައިވެއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ސައޫދީއާ ދެމެދު ހެދުނު އެންމެ ފަހުގެ ހަތިޔާރު ވިއްކުމުގެ މުއާމަލާތެވެ.
ޖުލައި މަހު، ސްޓޭޓް ޑިޕާޓްމަންޓުން 2.8 ބިލިއަން ޑޮލަރުގެ ވަކި އެއްބަސްވުމަކަށް ހުއްދަދީފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާއިން ސައޫދީއަށް ލޮޖިސްޓިކް ސިސްޓަމްތަކާއި، ޖޮއިންޓް ޕްލޭނިންގ ޕްރޮގްރާމްތަކާއި، އެމެރިކާގައި އުފައްދާ މަތިންދާބޯޓުތަކާ ގުޅޭ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް އެއްބަސްވެއެވެ.
އޭރު، ސްޓޭޓް ޑިޕާޓްމަންޓުން ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އޭޖެންސީއަށް ފޮނުވި މެމޮރެންޑަމެއްގައި ފާހަގަކޮށްފައިވަނީ މި ޑީލްއިން ސައޫދީއަށް މިހާރުގެ އަދި މުސްތަޤްބަލުގެ މިލިޓަރީ ޤާބިލިއްޔަތުތައް ވަރުގަދަކުރުމަށް އެހީތެރިވެދޭނެކަމަށެވެ. އަދި ރޯޔަލް ސައޫދީ އެއާފޯސްއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ތަމްރީން، ޚާއްޞަކޮށް C-130 ޓްރާންސްޕޯޓް މަތިންދާބޯޓުތަކާއި، E-3 ސަރވެއިލަންސް މަތިންދާބޯޓުތަކާއި، ބެލް ހެލިކޮޕްޓަރުތައް ފަދަ މިހާރު ބޭނުންކުރަމުންދާ ޕްލެޓްފޯމްތަކަށް ވެސް އަލިއަޅުވާލާފައިވެއެވެ.
ސައޫދީ އަރަބިއްޔާއަކީ ދުނިޔޭގައި އެންމެ ގިނައިން މިލިޓަރީއަށް ޚަރަދުކުރާ ޤައުމުތަކުގެ ތެރެއިން އެއް ގައުމު
އަނެއްކޮޅުން، ސައޫދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޮރ މިލިޓަރީ އިންޑަސްޓްރީޒް (ގާމީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ މިލިޓަރީ ޚަރަދުތައް 1960 އިން ފެށިގެން އަހަރަކު 4.5 އިންސައްތައިގެ މިންވަރަށް ކުރިއަރަމުން ގޮސް، 2024 ގައި 75.8 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިހާރު ސައޫދީއަކީ ދުނިޔޭގައި މިލިޓަރީއަށް އެންމެ ގިނައިން ޚަރަދުކުރާ 5 ވަނަ ޤައުމު، އަދި އަރަބި ދުނިޔޭގައި އެންމެ ގިނައިން ޚަރަދުކުރާ ޤައުމެވެ.
އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ސައޫދީގެ 2025 ވަނަ އަހަރުގެ ދިފާއީ ބަޖެޓް 78 ބިލިއަން ޑޮލަރަށް ކަނޑައެޅިފައިވާ ކަމަށެވެ. މިއީ ސަރުކާރުގެ ޖުމްލަ ޚަރަދުތަކުގެ 21 އިންސައްތަ އަދި ޤައުމުގެ ޖީޑީޕީގެ 7.1 އިންސައްތައެވެ. ސައުދީގެ ދިފާއީ ޚަރަދުތައް ދުނިޔޭގެ މިލިޓަރީ ޚަރަދުތަކުގެ 3.1 އިންސައްތަ ހިއްސާކުރެއެވެ. ދުނިޔޭގެ މިލިޓަރީ ޚަރަދުތައް 2.44 ޓްރިލިއަން ޑޮލަރަށް އަރައެވެ..