ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ދުރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާންގެ ގެ ފުލުހުން ބަލާ ފާސްކޮށްފިއެވެ.
ކޮންޓްރޯލާ ޖެނެރަލްގެ މަޤާމުން މުޙައްމަދު ޝަމްއާން ވަހީދު ވަކިކުރީ ރޭގައެވެ. އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަޤާމުން ޝަމްއާން ވަކިކުރީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތުގައެވެ.
ޝަމްއާން މަޤާމުން ވަކިކުރެވުނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ ވަކިކުރިއިރު، ފުލުހުން ރޭ ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އެ މައްސަލައިގައި ޝަމްއާންގެ ގެ ވެސް ރޭ ބަލައި ފާސްކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން މާލޭގެ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ރޭ ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ޝަމްއާން ނުހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޝަމްއާން ވަހީދު ރޭ މަޤާމުން ވަކިކުރުމާއެކު، ހަމަ ރޭ އެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަނުކޮށްފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ. އޭގެ ކުރިން ޝަމްއާން އިމިގްރޭޝަންގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާއިރު، މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި ޝަމްއާން ހުރީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައެވެ.
ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުރެގެން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދޮޅު އަހަރެއްހައި ދުވަސްތެރޭ ކުރި މަސައްކަތަކީ ގިނަ ބައެއްގެ ތަޢުރީފް ލިބުނު މަސައްކަތެކެވެ. އެގޮތުން ހޯމްލޭންޑް ޓެކްނޮލޮޖީއާއި އިމިގްރޭޝަން ގުޅިގެން ހިންގަމުން އައި އޮޕަރޭޝަން ކުރަނގީގައި ވެސް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ވެސް ތުހުމަތުކޮށް ތަޙުޤީޤު ދަނީ ކުރިއަށެވެ.