ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕަކީ 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްފައިވާ ފުރުޞަތެކެވެ. ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުން އޭ ލެވެލްގައި ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް ހިމެނޭގޮތަށް ދެ A ސްޓަރ އާއި A އެއް ހޯދާފައިވާ ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް ފަރާތަކަށް ވާންޖެހެއެވެ.
އިނގިރޭސިވިލާތުގައި ބެޗްލަރސް ޑިގްރީ ހާސިލްކުރުމަށް ޖުމްލަ ތިން ފުރުޞަތު ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދެ ޖާގައާއި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ޖާގަ ހިމެނެއެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ކޯސްތައް ފުރިހަމަކުރާ ދަރިވަރުން، ކޯސް ނިންމުމަށްފަހު އެ ކުންފުންޏަށް ޚިދުމަތްކުރަން ޖެހޭނެއެވެ. އަދި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި އިންޓަރންޝިޕްވެސް ހަދަން ޖެހޭނެއެވެ.
މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީއާއި، ސްޓައިޕަންޑާއި، ވިސާ ފީއާއި، ދެކޮޅު ޓިކެޓާއި، ބުކް އެލަވަންސް އަދި އެސްޓަބްލިޝްމަންޓް އެލަވަންސް ދިނުމަށް ވަނީ ނިންމާފައެވެ.