ރޯދަ މަހުގެ ފަހު 10 ދުވަހުގައި އޮފީހަށް ނިކުންނަން ޖެހޭ މުވައްޒަފުންނަށް އިތުރު އިނާޔަތެއް ދިނުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.
ރައީސް މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ހަމަޖެހިފައިވާއިރު، މި ދުވަސްތަކުގައި ކޮންމެހެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް މިއިނާޔަތް ލިބޭނެއެވެ.
ޕޭ ކޮމިޝަނުން މިއަދު ގެނައި އިޞްލާޙުތަކުގެ ދަށުން، މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބަލައި، މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އިތުރު އިނާޔަތެއްގެ ގޮތުގައި ދޭންޖެހޭނެއެވެ.
މީގެއިތުރުން، ރޯދަ މަހުގެ ފަހު 10 ދުވަހަށް އިތުރުގަޑީގެ ފައިސާ ދޭނީ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ބަލައިގެންނެވެ. މިގޮތުން، މިހާރު ކަނޑައެޅިފައިވާ 10 ޕަސެންޓްގެ ތެރޭގައި މި ދުވަސްތައް ނުހިމަނައި، މުވައްޒަފުން މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް، ރޯދަ މަހުގެ ފަހު 10 ދުވަހުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ލިބޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ފަހު 10 ދުވަސް ބަންދުކުރުމުގެ ގޮތުން، މިއަދުން ފެށިގެން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ބަންދުވާނެއެވެ. އަދި އޮފީސްތަކުން ހަމައެކަނި ދޭނީ ޒަރޫރީ ޚިދުމަތްތައް އެކަންޏެވެ.
އަދި މީގެ އިތުރަށް، އީދު ބަންދަށް އިތުރު ދުވަހެއް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ފަހު 10 ދުވަހުގެ ބަންދާއި އީދު ޗުއްޓީއަށް ފަހު، ދެން ސަރުކާރު ހުޅުވާނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.