ރާއްޖެއާއި އިންޑިއާ ދެމެދު ދެގައުމުގެ އަމިއްލަ ފައިސާއިން ވިޔަފާރި ކުރެވޭ ގޮތް ހަދައިފި

ރާއްޖެއާއި އިންޑިއާ ދެމެދު ދެގައުމުގެ އަމިއްލަ ފައިސާއިން ވިޔަފާރި ކުރެވޭ ގޮތް ހަދައިފި

ގުޅުންހުރި

ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް މީގެ ފަހުން ދެ ގައުމުގެ އަމިއްލަ ފައިސާ ކަމަށްވާ ދިވެހި ރުފިޔާ އަދި އިންޑިއަން ރުޕީސް ބޭނުންކޮށްގެން ކުރެވޭނެ ގޮތް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން މިއަދު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އާރްބީއައި އާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަދު ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވަނީ ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި މިހާރުން މިހާރަށް ދިވެހި ރުފިޔާ އަދި އިންޑިއަން ރުޕީސް ބޭނުންކުރެވޭނެ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެއްވި ފަހުމުނާމާގައި، ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކުގައި އަދި އެހެނިހެން އިޤްތިޞާދީ، މާލީ މުއާމަލާތްތަކުގައި ދެ ގައުމުގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް ބާރުއަޅާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވެސް މި މައްސަލައާ ގުޅޭގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަޝްވަރާކުރައްވާފައިވެއެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ޑޮލަރު ބޭނުންނުކޮށް ކުރެވޭގޮތް ހަމަޖެހުމުން، ބޭރު ފައިސާގެ ރިޒާވަށް ކުރާ ބުރަ ކުޑަވެގެން ދާނެ ކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ރަނގަޅުކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ