ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ވެރިކަންކުރާ ޕީއެންސީން، އިންތިޒާމްކުރާ ދެވަނަ ސިލްސިލާ ފޯރަމް ބާއްވައިފި ރޭ ބާއްވައިފިއެވެ. މި ފޯރަމްގައިވެސް ދަރުސް ދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއެވެ.
ރޭގެ ފޯރަމްގައި ޑރ. ޝަހީމް ވިދާޅުވީ އިންސާނާއަށް މި ކައުނުގައި ލައްވާފައިވާ ނިޢުމަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހަލާކުގެ ތެރެއަށް ވެއްޓިގެން ދަނީ އިންސާނުންގެ ޢަމަލުތައް ބައްޓަންކުރާ ގޮތުން ކަމުގައެވެ.
ވަޒީރު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސިލްސިލާކޮށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ދެވަނަ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.
"ކީރިތި ޤުރުއާނާއި ކައުނީ ސުންނަތް" މި މަޢުޟޫއަށް ތަޤްރީރުކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، މި ކައުނު ﷲ ސުބްޙާނަހޫ ވަތަޢާލާ ތަސްޚީރުކޮށް ކިޔަމަންތެރި ކުރައްވައިފައިވަނީ އިންސާނާއަށްޓަކައި ކަމަށެވެ. އަދި އިންސާނާ މި ބިންމަތީގައި ޚަލީފާވެރިކުރައްވައިފައިވަނީ، ﷲގެ އަމުރު މި ބިންމަތީގައި ތަޢުމީރުކޮށް ނުވަތަ ޢުމްރާނީ ގޮތުން މި ބިން ކުރިއަރުވައި ތަރައްޤީކުރުމާއެކު މި ބިންމަތީގައި ﷲގެ އެއްކައުވަންތަކަން ޤާއިމްކުރުމުގެ މަތިވެރި މަޤްޞަދުގައިކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"ﷲ ސުބްޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ބަޔާންކުރައްވައިފައިވަނީ، މި ބިންމަތީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހައްދަވައިފައިވާ ހުރިހާ ތަކެއްޗެއްވެސް ލައްވާފައިވަނީ އިންސާނާއަށް ޓަކައި. މި ކާއިނާތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ހުރިހާ ތަކެއްޗެއް ލައްވައިފައިމިވަނީ އިންސާނާއަށްޓަކައި. އެކަންކަން އިންސާނާއަށް ޚިދުމަތް ކުރައްވާފައި މިވަނީ." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އިރާއި ހަނދާއި ކަނޑުތަކާއި ރީތި ބަގީޗާތައް އިންސާނާއަށްޓަކައި ލައްވާފައިވާއިރު މިފަދަ ނިޢުމަތްތައް ރަނގަޅު އަދި ނުރަނގަޅު ގޮތަކަށްވެސް ބަދަލުވެގެންދާކަމަށާއި، އެ ކަންކަން އެހެން ގޮތަކަށް ބަދަލުވެގެންދާނީ އިންސާނާ އޭނާގެ ޢަމަލުތައް ބައްޓަންކުރާ ގޮތަކަށްކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"މި ކައުނުގައި މި ލައްވާފައިވާ މި ޙަޤީޤަތްތަކަކީ މިއީ އިންސާނާއަށް ޚިދުމަތް ކުރެއްވުމަށް ލައްވާފައިވާ ކަންތައްތަކެއްކަމަށް. މި ކަންކަން އެހެން ގޮތަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ނުވަތަ ހަލާކުގެ ތެރެއަށް ދިއުމަކީ އިންސާނާގެ ޢަމަލާއި ގުޅިފައިވާ ކަމެއް." ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން އެ މީހަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކާމެދު ޝުކުރުވެރިވެ ދުނިޔެއާއި އާޚިރަތުގައި ލާބައާއި މަންފާ ހޯދުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ޕީއެންސީން ބާއްވާ ސިލްސިލާ ދަރުސްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިންތިޒާމްކުރާ ހަރަކާތެކެވެ. މި ދަރުސް އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 21:30ގައެވެ. މި ފޯރަމްތަކުގައި ވަޒީރުންނާއި، ޕީއެންސީގެ އިސްވެރިންގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.