މަންދީ ދެއްކި ވާހަކަތައް އެޗްއާރުސީއެމުން ކުށްވެރިކޮށްފި

މަންދީ ދެއްކި ވާހަކަތައް އެޗްއާރުސީއެމުން ކުށްވެރިކޮށްފި

ގުޅުންހުރި

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކަން ކުށްވެރިކޮށްފިއެވެ.

މި މުޒާހަރާގައި މަންދީ ވަނީ ރާއްޖޭގައި ވޭޕު މަނާކުރި ސަބަބު އޮޅުވާލައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައި ދޮގު ވާހަކަތަކެއް ދައްކާފައެވެ. މިކަމާ ގުޅިގެން އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މުޚާޠަބުކޮށް ވާހަކަދައްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން ވަނީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި ކުޑަކުދިންނަކީ ޤާނޫނު އަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ޚާއްޞަ ރައްކާތެރިކަމެއް ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

"ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ޙައްޤުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު ޙައްޤުގެ ބޭނުންކުރުމަށް އިލްތިމާސްކުރަން" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މަންދީގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ