މާލެ، 13 މާރޗް 2025 – "ޕާޓީގެ ބޭނުމަށް މަޢުލޫމާތު ހޯދަން" ކަމަށް ބުނެ ސައްޙަ ނޫން މެސެޖްތަކެއް ފެތުރެމުންދާތީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިއަދު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މަޢުލޫމާތެއް ހޯދަން ޖެހިއްޖެނަމަ، އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިންގ ކޮމިޓީ އާއި ޕާޓީގެ މައި އޮފީހުގެ އިތުރުން ޕާޓީގެ ރަސްމީ މަސްއޫލިއްޔަތެއް އަދާކުރާ ފަރާތަކުން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ޕްލެޓްފޯމްތަކުން ކަމަށެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ، ޕާޓީގެ ނަމުގައި ހިންގާ މިފަދަ ހަރަކާތްތައް ފުލުހުންނަށް ހުށަހަޅައިގެން ވެސް ބަލާނެ ކަމަށެވެ. އަދި ޕާޓީގެ ނަމުގައި ސިޔާސީ ބޭނުމަށް ބަޔަކު ސައްޙަ ނޫން މެސެޖްތައް ފެތުރުމަކީ ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
"ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ކިބައިން އެދެނީ މިފަދަ ސައްޙަ ނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާ އަށް އެކަން އެންގުމަށް،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޕީއެންސީއިން މި ބަޔާން ނެރުނީ އެ ޕާޓީއަށް މި ފަހަކަށްއައިސް ގިނަ އަދަދެއްގެ ބަޔަކު ވަގަށް ވެއްދި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާތަކަށް ހުއްދަނެތި އެކްސެސްވެ، މީހުންގެ ޒާތީ މަޢުލޫމާތު ވަގަށް ނަގައިގެން ޕާޓީއަށް ވެއްދި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހަޅާފައިވާކަން އެނގިފައިވެއެވެ.
ޕީއެންސީގެ މި ބަޔާނާއެކު، އެއްވެސް ފަރާތަކުން "ޕާޓީގެ ބޭނުމަށް" ކަމަށް ބުނެ މަޢުލޫމާތު ހޯދަން މަސައްކަތްކުރާނަމަ، ޤާނޫނީ ނިޒާމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ޙާލަތެއް ދިމާވެއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ ނަންބަރުތަކަށް ގުޅައި އެކަން އެންގުމަށް ޢާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.