"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025″ ގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިވެރިވުމުގެ ފުރުސަތެއް ހުޅުވާލައިފިއެވެ. މި މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ، ގައުމީ ފެންވަރުގައި ބޭއްވޭ މުހިންމު ހަރަކާތެކެވެ.
މި މައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓެގަރީގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެއެވެ.
ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވަން.ޖީއޯވީ.އެމްވީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެއެވެ. މައުރަޒާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް މިރޭ 21:30 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ޚާއްޞަ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިއީ ޖެންޑާ މިނިސްޓްރީ އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަނެކެވެ.
މައުރަޒުގެ ކެޓަގަރީތައް:
- އަތްތެރި މަސައްކަތް
- ދަނޑުވެރިކަން
- މަސްވެރިކަން
- ދަތުރުފަތުރު
- އިމާރާތްކުރުން
- އައިސީޓީ
- ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
- ފެޝަން އެންޑް ޑިޒައިން
- ޖުވެލަރީ އެންޑް އެކްސަސަރީޒް
- ހަކަތަ (އެނާޖީ)
- ކާބޯތަކެތި
- މެޝިނަރީ އެންޑް އިކްއިޕްމަންޓްސް
- ލަކުޑީގެ އުފެއްދުންތައް
- ބަހުގެ އުފެއްދުންތައް
- އެހެނިހެން އުފެއްދުންތައް
މި މައުރަޒަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މިކަމުގެ ސަބަބުން އެ ފަރާތްތަކުގެ އުފެއްދުންތަކަށް ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، މުޖުތަމަޢުގައި އެ ފަރާތްތަކުގެ ދައުރު އިތުރަށް ފާހަގަކުރެވިގެންދާނެއެވެ.
މިއީ މިއަހަރު ފެބްރުއަރީ މަހު ސަރުކާރުން ތައާރަފްކުރި މައުރަޒެކެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މި މައުރަޒު ބާއްވަން ނިންމާފައި ވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒަކީ އެ ވުޒާރާއާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.
މައުރަޒުގައި ބައިވެރިވެވޭނެ ފަރާތްތައް:
އުފެއްދުންތެރިކަމުގެ މައުރަޒުގައި އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކާއި، ރަށްތަކާއި ސިޓީތަކުގެ އިތުރުން ތައުލީމު ދޭ މަރުކަޒުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
މި މައުރަޒުގައި ވާދަ ކުުރުމުގެ ބައިގެ އިތުރުން، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓަކާއި، އެންޓެޓެއިންމަންޓް ޑިސްޓްރިކްޓަކާއި އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓެއް މައުރަޒު ތެރޭގައި ހިމެނިގެންދާނެއެވެ. އަދި އާ އީޖާދުތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ އީޖާދުތައް ކުރާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ރިސާޗް ގްރާންޓް ފަންޑުން އެހީތެރިކަން ދޭނެއެވެ.
މީގެއިތުރުން ބައިނަލްއަގުވާމީ ބައިވެރިންނަށް މައުރަޒުގައި ބައިވެރިވުމަށް ފުރުސަތު ދޭން ނިންމާފައިވާއިރު، އެކި ގައުމުތަކުގެ އީޖާދީ މަސައްކަތްތައް ބައިވެރި ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެއެވެ.