9 ރަށެއްގައި ހޮސްޕިޓަލާއި ސިއްޙީ މަރުކަޒު އިމާރާތްކުރުމަށް ސަރުކާރުގެ 3 ކުންފުންޏާ ހަވާލުކޮށްފި

9 ރަށެއްގައި ހޮސްޕިޓަލާއި ސިއްޙީ މަރުކަޒު އިމާރާތްކުރުމަށް ސަރުކާރުގެ 3 ކުންފުންޏާ ހަވާލުކޮށްފި

ގުޅުންހުރި

މިނިސްޓްރީ އޮފް ހެލްތުން 4 ރަށެއްގެ ހޮސްޕިޓަލް އިމާރާތާއި 4 ރަށެއްގެ ސިއްޙީ މަރުކަޒު އިމާރާތުގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގިލި ހޮސްޕިޓަލް، ކުޅުދުއްފުށި ދަމަނަވެށި އަދި ކ. ގާފަރު ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހެއިރުއެވެ.

ތ. ވިލުފުށި ހޮސްޕިޓަލާއި، ވ. ފެލިދޫ ހޮސްޕިޓަލް އަދި ށ. މާއުނގޫދޫ ސިއްޙީ މަރުކަޒާއި، ނ. ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރެވުނު އިރު، އެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މީގެ އިތުރުން، ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވުނެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހްއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި، ހަނިމާދޫ ހޮސްޕިޓަލް އިމާރާތްކުރުމަށް 104,834,778.55 ރުފިޔާ، މާމިގިލީ ހޮސްޕިޓަލް އިމާރާތްކުރުމަށް 105,004,634.47 ރުފިޔާ، ފެލިދޫ ހޮސްޕިޓަލް އިމާރާތްކުރުމަށް 105,360,655.93 ރުފިޔާ، އަދި ވިލުފުށި ހޮސްޕިޓަލް އިމާރާތްކުރުމަށް 105,132,701.20 ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ހަމައެއާއެކު، މަކުނުދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމަށް 103,595,304.83 ރުފިޔާ، ގާފަރު ސިއްޙީ މަރުކަޒު އިމާރާތްކުރުމަށް 26,819,434.82 ރުފިޔާ، ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމަށް 26,878,072.40 ރުފިޔާ، މާއުނގޫދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމަށް 27,219,325.40 ރުފިޔާ އަދި ކުޅުދުއްފުށީ ދަމަނަވެށި އިމާރާތްކުރުމަށް 23,113,061.08 ރުފިޔާ ޚަރަދުވާނެކަމަށް ބެލެވެއެވެ.

މި މަޝްރޫޢުތަކަކީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ސިއްޙީ ޚިދުމަތްތައް ފުޅާކޮށް ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ