ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހިންގުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހްއާ ހަވާލުކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މުއާޒް ހަލީމް ވިދާޅުވެފައިވަނީ ޕީއެންސީގެ ޗެއާޕާސަން ކަމުގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޕާޓީ ހިންގުމުން ދުރުކޮށް، ޕާޓީ ހިންގުމުގެ ޒިންމާ ފަލާހްއާ ހަވާލުކުރި ކަމަށް ބުނާ ވާހަކަތަކަކީ "ކަނޑައެޅިގެން ބުހުތާނު ދޮގު" ވާހަކަތަކެއް ކަމަށެވެ.
މި ޚަބަރުތައް ފެތުރިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހުގައެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާޓީ ހިންގުމުގެ ޒިންމާ ފަލާހްއާ ހަވާލުކުރިކަން ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނަށާއި އިދާރީ ބޭފުޅުންނަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
މި އަޑު ތަކުގެ ތެރެއިން އެއް އަޑު އެންމެ ގަދަވެފައިވަނީ، އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރުކަމުން އިބްރާހިމް ފައިސަލް ވަކިކުރި ހިސާބުންނެވެ.
ނަމަވެސް "ވަގުތު" އިން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒާއި އަބްދުއްރަހީމް މަޝްވަރާ ކުރައްވައިގެން ހިޔާލު ތަފާތުވުންތައް މިހާރު ވަނީ ހައްލު ކުރައްވައިފައެވެ. އަދި ޕީއެންސީގެ ރަސްމީ ވަޓްސްއެޕް ގްރޫޕްތަކުގައި އަބްދުއްރަހީމް ގެންދަވަނީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ.
ރައީސް ޑރ. މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ރަނގަޅުކަން ދޭހަވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގައި އަބްދުއްރަހީމް ރޭ ދެއްވި ތަރާވީހުގެ ދައުވަތު ރައީސް ޑރ. މުއިއްޒު ގަބޫލުފުޅު ކުރައްވައި އެ ތަރާވީހަށް ވަޑައިގަތުމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޕީއެންސީއަކީ މީގެކުރިން ވަރަށް ކުޑަ ޕާޓީއަކަށް ވިޔަސް، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މިހާރު އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަށް ވެފައިވާކަމެވެ.