މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަސައްކަތް ފަށައިފިކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އިން އެމްއައިޓީޑީސީއާ ބެހޭ މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން، ފިނޭންސް މިނިސްޓްރީން އެސްއޯއީ ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، މި ކުންފުނި އުވާލުމަށް ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.
މި ނިންމުމާ ހަމައަށް އާދެވިފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި (އެމްއެފްއެމްސީ) ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލުމާ ގުޅޭގޮތުން ހުށަހެޅުނު ކަރުދާހަކާ މެދު މަޝްވަރާކުރުމަށްފަހުގައެވެ.
"ކުންފުނި ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހޭ ކުންފުންޏަަކަށްވުމުން އެ ކުންފުނި އުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމަށް މުހިންމު ނިންމުމެއް," މާލީ ވުޒާރާގެ ސިޓީގައި ބުނެފައިވެއެވެ.
އެމްއައިޓީޑީސީ އުވާލުމުގެ ޕްރޮސެސްގެ ތެރޭގައި، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ބަރެސްދޫއާ ގުޅޭ ޤާނޫނީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކުންފުނި އުވާލުމުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ވަޒީރުންގެ މަޖިލީިހުން ނިންމާފައިވަނީ އެމްއައިޓީޑީސީ އުވާލުމަށްފަހު އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތް މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ދަށަށް ބަދަލުކުރުމަށެވެ. މީގެއިތުރުން، ކުރީ ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.