އެގްރިކަލްޗާ މިނިސްޓްރީން ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާ ގޮތަށް އެގްރޯ ނެޓްގެ މަސައްކަތްތައް އަލުން ފަށަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ދަނޑުވެރިންގެ އަތުން ކާބޯތަކެތި ގަނެ، އަގު އެއްކޮށްގެން މާކެޓުކުރުމަށް 2020 ވަނަ އަހަރު އުފައްދާފައިވާ އެގްރޯނެޓް ކުންފުނި އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރުމަށް ސަރުކާރުން ކުރިން ނިންމާފައިވިއެވެ.
އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހުން ވަނީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު، އެގްރޯނެޓަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބޭއްވުމަށް ނިންމަވާފައެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ އެގްރޯ ނެޓްގެ މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ވިލަރެސްކޮށްގެން އެގްރޯނެޓްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ތަނަވަސްކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
އެގްރޯ ނެޓް 2020 ވަނަ އަހަރު އުފެއްދުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވަނީ ހުއްޓާލާފައެވެ.