އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާއިން އެ ޕާޓީގެ ދެ ދާއިރާ ރައީސުން ހައްޔަރުކޮށްފި

އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާއިން އެ ޕާޓީގެ ދެ ދާއިރާ ރައީސުން ހައްޔަރުކޮށްފި

ގުޅުންހުރި

އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި އެ ޕާޓީގެ ދެ އިސްވެރިއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީނެވެ. މި ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީން ދަނީ ސޯޝަލް މީޑިއާގައި އެ މީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން އެމްޑީޕީން ސަރުކާރާ ދެކޮޅަށް ހިންގަމުންދާ މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ގޮވާލަމުން ދިޔައެވެ. މީގެ އިތުރުން، ގެދޮރުވެރިކަމުގެ ސްކީމުން ފުލެޓު ލިބޭ މީހުންގެ ލިސްޓު މިހާރުގެ ސަރުކާރުން މުރާޖާކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޭގެ މުޒާހަރާ ހަރުގެ ސަރަހައްދުން ފެށި ނަމަވެސް، ޗާންދަނީ މަގުގެ ވަކި ހިސާބަކުން ފުލުހުން ބެރިކޭޑު ޖަހައި، މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔަނުދިނެވެ. ބެރިކޭޑުތައް ކައިރީގައި ފުލުހުން މަޑުކޮށްގެން ތިބިއިރު، މުޒާހަރާގެ ބައިވެރިން ބެރިކޭޑަށް ވުރެ ކުރިއަށް ދިޔުމަށް މަސައްކަތް ކުރިއެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން ކޮށްޕައި، ބިންމައްޗަށް ވައްޓާލިކަމަށް ވެސް ތުހުމަތުކުރެވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހައި، ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކުރި ކަމަށް އެމްޑީޕީން ކުށްވެރިކޮށްފައިވެއެވެ.

އިދިކޮޅު ޕާޓީން ސިޔާސީ މުޒާހަރާތައް ބާއްވަމުންދާއިރު، މަޖިލިސް މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ބެލުމަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ބުނެއެވެ. މި މައްސަލަ ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ.

އަދި އެމްޑީޕީން ސަރުކާރަށް އަމާޒުކޮށް ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް ކުރަމުންދާއިރު، މިހާރުގެ ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެފައިވާ ކަމަށް ބުނެ، ރައްޔިތުންނަށް މުޒާހަރާއަށް ނުކުތުމަށް ގޮވާލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ