އަންނަ އަންގާރަ ދުވަހުން ފެށިގެން ރޯދަ ހަދިޔާގެ ގޮތުގައި ދެމުންދާ މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިހާތަނަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަމުން އައީ އެކަމަށް ޚާއްސަކޮށް ޤާއިމުކޮށްފައިވާ 13 މަރުކަޒު މެދުވެރިކޮށް، އޮންލައިންކޮށް ޓޯކަން ދޫކޮށްގެންނެވެ. ކިޔު ދިގުވުމާއި މީހުންގެ ޝަކުވާތައް ގިނަވުމާ ގުޅިގެން މިކަން ޓޯކަން ނިޒާމަކަށް ބަދަލުކުރެވުނެވެ.
އާދަމް ޝަރީފް އެކްސްގައި ހިއްސާކުރެއްވި ގޮތުގައި، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހައި ނިންމުމަށް މަސައްކަތްކުރަމުން ދަނީއެވެ. މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދަނީ ރޭގަނޑު 21:30 އިން 23:30 އާ ހަމައަށެވެ.
ސަރުކާރުން ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޫކުރަމުންދެއެވެ. މަސްދަޅު ކޭސް ދޫކުރަނީ ކަރަންޓު މީޓަރު ނަންބަރަށް ކަމަށާއި، ރާއްޖޭގެ 80,000 އަށްވުރެ ގިނަ ގޭބީސީތަކަށް މި ހަދިޔާ ލިބޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.