ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ތުރުކީ 4 ދުވަހަށް ކޮލްޑައުން ކޮށްފި

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ތުރުކީ 4 ދުވަހަށް ކޮލްޑައުން ކޮށްފި

Author
ހުސެއިން
01 ޖެނުއަރީ 2021 07:02
0

އާއަހަރުގެ ބަންދާ ދިމާކޮށް ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް 4 ދުވަހަށް ތުރުކީން އެގައުމު ލޮކް ޑައުން ކޮށްފިއެވެ.

ތުރުކީގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވާ، އިސްތަންބޫލްގެ ގަވަރުނަރު ވިދާޅުވިގޮތުގައި، ލޮކްޑައުންގެ އުސޫލުތައް އެސިޓީގައި ތަންފީޒުކުރުމަށްޓަކާ، އެސިޓީގައި އެކަނިވެސް، އަމަން ބަލަހައްޓާ 34،000 އޮފިސަރުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ. އަދި ތުރުކީގެ އިންޓީރިއަރ މިނިސްޓަރު ވިދާޅުވި ގޮތުގައި، މުޅި ތުރުކީގައި، މި ލޮކްޑައުން ތަންފީޒު ކުރުމަށްޓަކާ، މުޅިއެކު، 208،000 އޮފިސަރުން އެގައުމުގެ އެކި ސަރައްހަދުތަކުގައި ޗެކް ޕޮއިންޓަތައް ގާއިމް ކޮށްގެން މަސައްކަތް ކުރަމުން ދާނެއެވެ.

ތުރުކީ، އާއަހަރުގެ ފުރަތަމަ 4 ދުވަހަށް ގައުމު އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު، މުޅި ދުނިޔެއަށްވެސް އާއަހަރުގެ ބަންދާ ދިމާވަނީ، ޗައިނާއިން އެންމެ ފުރަތަމަ، ގޮތްނޭގޭ ޒާތުގެ ބަލިމަޑުކަމެއް ފެނުނުކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާން ކުރިތާ އެއް އަހަރު ފުރޭ މުނާސަބަތާއި އެކީގައެވެ. މި ބަލިމަޑުކަން ފަހުން ކޯވިޑް19ގެ ގޮތުގައި ފާހަގަވެ، 2020 ވަނައަހަރު މުޅި ދުނިޔެ ހޭދަކޮށްފައިވަނީ، މިބަލީގެ ގިލަންވެރިކަމުގެ ތެރޭގައެވެ. 2020 ވަނަ އަހަރު ނިމިގެން ދާއިރު، މިބަލީގައި މިހާތަނަށް 1.79 މިލިއަން މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ.

ބައިނަލް އަގުވާމީ ގޮތުން، ގުޅިގެން ކުރި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ އަވަސް ވެކްސިތައް އެކި ގައުމުތަމުން މިހާރު ވަނީ ކޯވިޑް19 އާއި ދެކޮޅަށް ހަގުރާމަ ކުރުމަށްޓަކާ އުފައްދާފައެވެ. ކޮވިޑް19 އާއި ދެކޮޅަށް އެންމެފަހުން ތައާރަފް ވެގެންދިޔަ ވެކްސިނަކީ، އިގިރޭސިވިލާތުން ބޭނުން ކުރުމުގެ ހުއްދަދިން، އޮކްސްފޯޑް ޔުނިވަރސިޓީއާއި ޑްރަގް އުފައްދާ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނިސާ އިން ގުޅިގެން އުފެއްދި ކޯވިޑް19 ވެކްސިނެވެ.

މިއީ ހުޅަގުގެ ގައުމުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދިޔަ 3 ވަނަ ވެކްސިނެވެ. މީގެއިތުން ޔޫރަޕާއި އަދި އެމެރިކާގައި މިހާރު ބޭނުން ކުރަމުންދަނީ، އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ މޮޑާނާއިން އުފެއްދި ވެކްސިނާއި، އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ފައިޒާއާއި ޖަރުމަނުވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނެވެ.

މިނޫނަސް، ކޯވިޑް19އާއި ދެކޮޅަށް ވެކްސިންތައް އުފައްދާ، ޗައިނާއިން އެގައުމުގައި ބޭނުން ކުރަމުންދާއިރު، ރަޝިއާއިންވެސް ދަނީ، އެގައުމުގައި ކޯވިޑް19 ވެކްސިން އީޖާދުކޮށް މިހާރު އާންމުކޮށް ބޭނުން ކުރަމުންނެވެ.

ކޯވިޑް19 އާއިދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިންތައް ބޭނުން ކުރެވެމުންދާއިރު، އަލަށް ފެންނަމުންދާ ކޯވިޑް19ގެ އާ ސްޓްރެއިންތައްވެސް ފެންނަމުންދާ ނިސްބަތް ދަނީ ބާރުމިނުގައި އިތުރު ވަމުންނެވެ. މިގޮތުން މިހާތަނަށް އައިއިރު، ދުނިޔޭގެ 31 ގައުމަކުންވަނީ ކޯވިޑް19ގެ އާ ވައްތަރުތައް ފެނިފައެވެ.

ކޯވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ތުރުކީގެ 31 ސިޓީއެއް 4 ދުވަހަށް ބަންދު ކުރައްވާނެކަން އެގައުމުގެ ރައީސް ތައްޔިބު އެރެދޮގާން އިއުލާން ކުރައްވާފައި ވާއިރު، ފާއިތުވެދިޔަ 2 ހަފްތާގެ ހަފްތާ ބަންދުގައިވެސް ތުރުކީންވަނީ އަގައުމުގެ ސިޓީތައް ލޮކްޑައުން ކޮށްފައެވެ.

ބުރާސްފަތު ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލު ވުމަށްފަހު، އެރެދޮގާން ވިދާޅުވެފައިވަނީ، އާއަހަރު ބަންދާ ދިމާކޮށް 4 ދުވަހަށް ތުރުކީ ބަންދު ކުރިކަމުގައި ވިނަމަވެސް، ކުރިޔަށް އޮތްތަނުގައިވެސް، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ ހަފްތާ ބަންދުތަކުގައި އެގައުމު ލޮކްޑައުން ކުރެވިގެންދާނެ ކަމަށެވެ.

ތުރުކީގައި މިހާރު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ 90،980 މީހުން ތިބިއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެގައުމުގައި 123 މީހުން ވަނީ މަރުވެފައެވެ. ތުރުކީގައި، މިހާތަނަށް އައިއިރު، ކޯވިޑް19 ބަލީގައި 2،140 މީހުންވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.