ރޯދަމަހު މާލެ ސަރަހައްދުގައި ކަރަންޓްގެ ލޯޑު ދެ އިރަކަށް މަތިވޭ!

ރޯދަމަހު މާލެ ސަރަހައްދުގައި ކަރަންޓްގެ ލޯޑު ދެ އިރަކަށް މަތިވޭ!

ގުޅުންހުރި

މާލެ ސަރަހައްދުގައި އާންމު ދުވަސްތަކުގައި ކަރަންޓުގެ ބޭނުން އެންމެ މައްޗަށް ހިފަނީ ހަމައެކަނި މެންދުރު ވަގުތުގައި ކަމަށްވާއިރު، ރޯދަމަހު އެ ޕެޓަރން ބަދަލުވެ، މެންދުރާއި ރޭގަނޑު ދެ އިރަށް ކަރަންޓްގެ ލޯޑު މަތިވަމުންދާ ކަމަށް ސްޓެލްކޯގެ ހިސާބުތަކުން ދައްކައިފިއެވެ.

ސްޓެލްކޯއިން ކުރި ދިރާސާގައި ދައްކާގޮތުން، މެންދުރު 1:00 އާއި ހަވީރު 5:00 އާ ދެމެދު ހޫނުވުމުގެ އިތުރުން، ރަމަޟާން މަހުގައި ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރުމުގެ ސަބަބުން ކަރަންޓްގެ ބޭނުން އިތުރުވެފައިވާ ކަމަށް ދައްކައެވެ. އަދި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވިނަމަވެސް، އޭގެ ފަހުން ދަންވަރު 12:00 ޖެހުމާ ހަމައަށް ދެވަނަ ޕީކެއް އަންނަކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭތާ 75 އަހަރު ވީ ކުންފުނިން، ރަމަޟާންމަހުގެ ފުރަތަމަ ހަފުތާގައި މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާނަކަށް ކަރަންޓު ބޭނުންކުރެވެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކަރަންޓުގެ ލޯޑު މަތިވާ ވަގުތުތަކުގައި ރައްޔިތުން ކަރަންޓު އިޤްތިޞާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

ކަރަންޓު އިޤްތިޞާދުކުރެވިދާނެ ބައެއް ގޮތްތައް:

  • އޭސީ ބޭނުންކުރާއިރު ކޮޓަރިން ބޭރުގައި އެއް ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާނަމަ، އޭސީ ނިއްވާލުން
  • އޭސީގެ ފިލްޓަރު ގަވާއިދުން ސާފުކޮށް ބެލެހެއްޓުން
  • ފިނި ލީކްނުވާނޭހެން ކޮޓަރި ރަނގަޅަށް ސީލްކުރުން
  • އަހަރަކު އެއްފަހަރު އޭސީ ފުލް ސާވިސްކުރުން
  • ހޫނުކޮށް ހުންނަ ކާނާ ފްރިޖަށް ނުލުން
  • އަވަސް އަވަހަށް އިސްތިރިކުރުމުގެ ބަދަލުގައި ހަފުތާއަކު އެއްދުވަހު އިސްތިރިކުރުން ފަދަ ކަންކަން ރޭވިގެން ކުރިއަށް ގެންދިޔުން

ރަމަޟާންމަހު އިތުރަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 ޖެހުމާއި ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ ދަށްކަން ފާހަގަކުރެވެއެވެ. އަދި ހެނދުނު 6:00 އިން 9:00 އާ ހަމައަށް ކަރަންޓުގެ ބޭނުން އެއްހަމައެއްގައި އިތުރުވަމުންދާ ކަމަށްވެސް ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ